22 މެއި 2025 - 11:41

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހުގެ 10 ވަނަ ދުވަހު ރާއްޖެ އާއި އީސްޓް ޓިމޯ ބައްދަލުކުރާ މެޗު އޮސްޓްރޭލިއާގެ ޑާވިންގައި ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިއީ އީސްޓް ޓިމޯގެ ހޯމް މެޗެއް ނަމަވެސް، އެ ގައުމުގައި މެޗު ކުޅޭނެ ފީފާ ސްޓެންޑަޑް ސްޓޭޑިއަމެއް ނެތުމުން މެޗު އޮސްޓްރޭލިއާ އަށް ބަދަލުކުރަން އޭއެފްސީ އިން ނިންމީ އެވެ.
މިއީ ރާއްޖޭގެ ފުޓްބޯޅަ ޓީމަކުން އޮސްޓްރޭލިއާގެ ފަސްގަނޑުގައި ކުޅޭ ފުރަތަމަ މެޗެވެ. މި މެޗު އޮންނާނީ ޑާވިންގެ ޓެރިޓަރީ ރަގްބީ ލީގު ސްޓޭޑިއަމުގަ އެވެ. މިއީ 10،000 މީހުންނަށް ވަދެވޭ، ރަގްބީ ސްޓޭޑިއަމެއް ނަމަވެސް، ބައެއް ފަހަރު ފުޓްބޯޅަ މެޗުތައް ވެސް ބާއްވަ އެވެ.
އޮސްޓްރޭލިއާގެ އުތުރުން އޭޝިއާ ބައްރުގައި އޮންނަ އީސްޓް ޓިމޯ އަކީ 2002 ގައި މިނިވަންވި، ވަސީލަތްތައް މަދު ގައުމެކެވެ. އެ ގައުމު އޮތީ ފީފާ ރޭންކިންގެ 197 ވަނައިގަ އެވެ.
ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ފިލިޕީންސް އަތުން 4-1 އިން ބަލިވީ އެވެ. އީސްޓް ޓިމޯގެ ފުރަތަމަ މެޗުން ތަޖިކިސްތާން އަތުން 1-0 އިން ބަލިވީ އެވެ.
ކޮލިފައިންގެ އިތުރު މެޗަކަށް ރާއްޖެ ތައްޔާރުވާއިރު ރާއްޖޭގައި ފުޓްބޯޅައިގައި ރަސްމީ ހަރަކާތެއް ނެތެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކުރުމާއި، އިންތިހާބުގެ މަސައްކަތް ކުރިއަށް ދާތީ، ފީފާ އިން ވަނީ ދިވެހި ޕްރިމިއާ ލީގު ހުއްޓުވައިފަ އެވެ. އެހެންވެ ގައުމީ ޓީމު ނެގުމަށް ފަސޭހަކުރަން އެފްއޭއެމުން އަންނަނީ ނުރަސްމީ މުބާރާތެއް، ލީގު ކަޕުގެ ނަމުގައި ބާއްވަމުންނެވެ.