19 މާޗް 2017 - 06:38

ކުޑަކުދިންގެ ކިބައިގައި އޯޓިޒަމް ހުންނަ ނަމަ އެކަން ލޭގެ ޓެސްޓަކުން ދެނެގަނެވޭނެ ގޮތެއް ހޯދިދާނެ ކަމުގެ އުންމީދު އަލަށް ތަޖުރިބާކުރަމުން އަންނަ ޓެސްޓަކުން ވަރަށް ބޮޑަށް އާވެއްޖެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
މި ދިރާސާކުރަމުން އަންނަ ޓީމުން ބުނީ މިހާތަނަށް ބެލި ބެލުމުން، މިއީ އުމުރުން ތިން އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންގެ ކިބައިގައި އޯޓިޒަމް ހުރި ނަމަ އެކަން ދެނެގަތުމުގެ 98 ޕަސެންޓް ޔަގީން ޓެސްޓެއް ކަމަށް ދައްކާ ކަމަށެވެ.
"އޯޓިޒަމްގެ މިންވަރު ކޮންމެ މިންވަރެއްގައި ހުރި ނަމަވެސް މި ޓެސްޓުން ދެނެގަނެވޭ،" ދިރާސާގައި ބައިވެރިވެ ވަޑައިގަންނަވާ ޖާގެން ހާން ވިދާޅުވި އެވެ.
ނިއު ޔޯކްގެ ރެންސޭލަ ޕޮލިޓެކްނިކް އިންސްޓްޓިއުޓްގެ ބަޔޮމެޑިކަލް އިންޖިނިއަރިންގެ ވެރިޔާ، ހާން ވިދާޅުވި ގޮތުގައި މިއީ އޯޓިޒަމް ހުރި މިންވަރާއި ބާވަތް ވަރަށް ފުރިހަމައަށް ޔަގީންކަމާ އެކު އަންގައިދޭ ޓެސްޓެކެވެ.
މި އަޖުމަ ބެލުމުގެ ދިރާސާ އަދި އެހާ ފުޅާ ދާއިރާއެއްގައި ނުކުރެ އެވެ. އަދި ބަލާފައި ވަނީ އެންމެ 83 ކުދިން ބައިވެރިކޮށްގެންނެވެ. އޭގެ ތެރެއިން 76 ކުދިންނަކީ އޯޓިޒަމްގެ އަސަރެއް ނެތް ކުދިންނެވެ. ދިރާސާ ޓީމުން ބުނީ ދިރާސާ ފުޅާކޮށް، އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޯޓިޒަމް ހުރި ކުދިންނާއި ނެތް ކުދިންގެ ޓެސްޓުތައް އެކުގައި ކޮށްގެން، އޯޓިޒަމް ހުރި ކުދިން ދެނެގަނެވުމުގެ ނިސްބަތް 96 ޕަސެންޓަށް ވުރެ މަތީގައި ހުރި ކަމަށް ދިރާސާ ޓީމުން ބުނާއިރު އޯޓިޒަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުން މި ދިރާސާއާ މެދު ކަންބޮޑުވުންތަކެއް ވެސް ފާޅުކޮށްފައިވެ އެވެ. އެ ޖަމާއަތްތަކުން ބުނަނީ މީގެ ކުރިން ވެސް މިފަދަ ގޮތްތަކަށް ޓެސްޓްތައް ކޮށްފައިވާ ކަމަށާއި މި ޓެސްޓް ކުރާ ގޮތަކީ އެހާ ޔަގީން ގޮތެއް ނޫން ކަމަށެވެ. ނަމަވެސް އާ ޓެކްނޮލޮޖީއާ އެކު އަލުން މި ކަންކަން ބެލުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
އާ ދިރާސާ ޕްލޮސް ކޮމްޕިއުޓޭޝަނަލް ބަޔޮލޮޖީގެ މި މަހުގެ 16 ވަނަ ދުވަހުގެ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.