ބްރޮޑްކޮމްގެ ސާވާއަށް މައްސަލައެއް ދިމާވުމުން ފުލުހުން އެހީވަނީ
ބްރޮޑްކޮމްގެ ސާވާއަށް މައްސަލައެއް ދިމާވުމުން ފުލުހުން އެހީވަނީ

ބްރޮޑްކޮމްގެ ސާވާއަށް މައްސަލައެއް ދިމާވުމުން ފުލުހުންގެ ޓެކްނީޝަނުން އެ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ބްރޮޑްކޮމްއާ ގުޅޭ މައްސަލައެއް ތަހުގީގުކުރަން ފުލުހުން އެ އިދާރާއަށް ވަދެއްޖެ ކަމަށް ބުނެ އަޑުފެތުރިފައި ވާތީ، އެ ވާހަކަ ދޮގުކޮށް ފުލުހުން މިރޭ ބުނީ ފުލުހުންގެ ޓެކްނީޝަނުންގެ ޓީމެއް އެ ކޮމިޝަނަށް ދިޔައީ އެތަނުގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލުކޮށްދޭން އެހީތެރިކަމަށް އެދުމުން ކަމަށެވެ.

"ބްރޮޑްކޮމްގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެތަނުގެ އޮފީހަށް، ބްރޮޑްކޮމްގެ ރިކުއެސްޓަކަށް ފުލުހުންގެ ޑިޖިޓަލް ޑާޓާ ޓެކްނީޝަނުން މިއަދު ވަދެފައިވޭ،" ފުލުހުން ބުންޏެވެ.

"ވަދެފައި ވަނީ މައްސަލައަކާ ގުޅިގެނެއް ނޫން."

އެ މައްސަލަ ފެންމަތިވި އިރު، ކޮމިޝަނަރުންނާ މެދު ހިތްހަމަނުޖެހިގެން ބްރޮޑްކޮމްގެ މުވައްޒަފުންތަކެއް މަސައްކަތް ހުއްޓާލައި މިއަދު ގެއަށް ވެސް ދިޔަ އެވެ. އެ މުވައްޒަފުން ގެއަށް ދާން ނިންމީ ބޭ އިންސާފުން ކަންތައް ކުރާތީ ކަމަށް ބުނެ އެވެ. އަދި މުވައްޒަފުންނަށް ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރި ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސަސްޕެންޑް ކުރުމުން ކަމަށް ބުނެ އެވެ.

އެ ފަދަ ހިތްހަމަނުޖެހުންތަކާ ހެދި، 25 މުވައްޒަފުން މަސައްކަތްކުރާ ކޮމިޝަންގެ މުވައްޒަފުންގެ ތެރެއިން ސަލާމުގައި ތިބި މީހުން ނުހިމެނޭ ގޮތަށް 10 މުވައްޒަފަކު މިއަދު ގެއަށް ގޮސްފައިވެ އެވެ.