21 މެއި 2025 - 09:44

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކުގައި ރޭ 19 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށާއި އޭގެ ތެރޭގައި އެއް ހަފްތާގެ ތުއްތު ކުއްޖަކު ވެސް ހިމެނޭ ކަމަށް އެ ސަރަހައްދުގެ ސިވިލް ޑިފެންސް އެޖެންސީން މިއަދު ބުނެފި އެވެ.
"މި އެޖެންސީގެ މުވައްޒަފުން 19 މީހެއްގެ ހަށިގަނޑު ގެންދިޔަ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިން. އިޒްރޭލުގެ ޖެޓްތަކުން އެކި ތަންތަނަށް ދިން މި ހަމަލާތަކުގައި 12 ވަރަކަށް މީހުން ޒަހަމް ވެސް ވެފައިވޭ،" ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީ އަށް ވިދާޅުވި އެވެ.
ޝަހީދުވި މީހުންގެ ނަމާއި އުމުރުތައް ވެސް އޭނާ އޭއެފްޕީއާ ހިއްސާކުރައްވާފައި ވާއިރު އަދި އުފަންވިތާ އެންމެ ހަފްތާއެއްވީ ކުއްޖަކު އޭގެ ތެރޭގައި ހިމެނެ އެވެ.
އޮކްޓޫބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާނުލައި ކުރިއަށް ގެންގޮސް ޣައްޒާގެ އާންމު ހާލަތު އިންތިހާ ދަރަޖައިގެ ނިކަމެތިކަމުގެ ތެރެއަށް ގޮސްފައި ވަނިކޮށް އިޒްރޭލުން އަލުން ވަނީ ހަމަލާތައް ވަރުގަދަކުރިކަން އިއުލާނުކޮށްފަ އެވެ. އެއާ އެކު ބައިނަލްއަގުވާމީ މުޖުތަމައުގެ ޕްރެޝަރު އިޒްރޭލަށް ވަނީ އިތުރުވެފަ އެވެ.
އިޒްރޭލާ ދެކޮޅަށް އިޒްރޭލުގެ އެންމެ ގާތް ގައުމުތަކުން ވެސް މިހާރު ވާހަކަ ދައްކަން ފަށާފައި ވާއިރު އިނގިރޭސި ވިލާތުން އިއްޔެ ވަނީ ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ. އިނގިރޭސި ވިލާތުން އިއުލާނުކުރި ގޮތުގައި އިޒްރޭލާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްބުމެއް ގާއިމުކުރުމުގެ މަޝްވާރަތައް މެދުކަނޑާލާނެ އެވެ. އަދި އިޒްރޭލު ސަފީރު ހާޒިރުކުރަން ވެސް ވަނީ ނިންމައިފަ އެވެ.
އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ 1،218 މީހަކު މަރާލުމާ އެކު ހަމާސްގެ ކިބައިން ބަދަލުހިފަން ކަމަށް ބުނެ އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 54،000 މީހަކު ވަނީ ޝަހީދުވެފަ އެވެ. އަދި ހަމަލާތައް ޖެނުއަރީ މަހު މެދުކަނޑާލުމަށް ފަހު މާޗް މަހުގެ 18 ވަނަ ދުވަހު އަލުން ފެށި ފަހުން ވެސް 3،340 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.