21 މެއި 2025 - 08:41

ޅ. އަތޮޅު ގާއެރިފަޅު ކައިރީ ރޭ މެންދަމު ފީނަން ގޮސް އުޅުނު ބަޔަކު ތިބި ޑިންގީއެއްގައި ލޯންޗަކުން ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކު ޒަހަމްވެ އެކަކަށް ސީރިއަސް ޒަހަމްތަކެއް ވެއްޖެ އެވެ.
ހިންނަވަރު ކައިރީ އޮންނަ ރަށެއް ކަމަށްވާ ގާއެރިގަޅު ކައިރީ މި އެކްސިޑެންޓު ހިނގި ކަމުގެ ރިޕޯޓް ލިބުނީ ފުލުހުން ބުނި ގޮތުގައި ރޭ 12:33 ގަ އެވެ.
"މި އެކްސިޑެންޓުގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާވެފައިވޭ. އޭގެތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވޭ،" ފުލުހުން މީޑިއާތަކަށް މި ހާދިސާއާ ބެހޭ ގޮތުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނީ އަނިޔާވި މީހުންނަށް ޅ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށާއި އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށެވެ.
އެކްސިޑެންޓުގައި ޑިންގީ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ފުލުހުން ބުންޏެވެ.