ކަސްޓަމްސް އަށް 164 މުވައްޒަފުން ހޯދަނީ، މުސާރަ/އިނާޔަތް 11،000ރ. އަށް ވުރެ މަތި!
ކަސްޓަމްސް އަށް 164 މުވައްޒަފުން ހޯދަނީ، މުސާރަ/އިނާޔަތް 11،000ރ. އަށް ވުރެ މަތި!

ކަސްޓަމްސް އަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއްޔެ އިއުލާނުކޮށްފި އެވެ.

އެ އިދާރާއިން ކުރި އިއުލާނެއްގައި ވަނީ މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ އޮފީސްތަކަށް 164 އެސިސްޓެންޓް އޮފިސަރުން ބޭނުންވާ ކަމަށެވެ. އަދި އެ މަގާމަށް ރެކްރޫޓްމަންޓް ޕޯޓަލް އިން މި މަހުގެ 31 ގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށް އިއުލާނުގައި ވެ އެވެ.

ނަމަވެސް އެ ވަޒީފާގެ ފުރުސަތު ދީފައި ވަނީ އުމުރުން 18-30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އެ އުމުރު ބަލަނީ މި މަހުގެ ނިޔަލަށެވެ.

އެ މަގާމުގެ މުސާރައަކީ 5،000ރ. އެވެ. އޭގެ އިތުރުން ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި 1،750ރ.، އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200ރ. ކޮއްތު އިނާޔަތުގެ ގޮތުގައި ކޮންމެ ދުވަހަކަށް 60ރ. އަދި އިތުރު ގަޑީގެ އިނާޔަތާއެކު މަހަކު 11،000ރ. އަށް ވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ.

އެ މަގާމުގެ ޝަރުތަކީ ޖީސީއީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބުމާއި ސެކަންޑަރީ ސްކޫލު އިމްތިހާނުން ދަށްވެގެން ސީ ފާސް އަދި ކަސްޓަމްސް އިން ކަނޑައަޅާ ފިޒިކަލް ޓެސްޓުން ފާސްވުމެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ތައްޔާރުވާއިރު، އެކި އިދާރާތަކުން އަންނަނީ މުވައްޒަފުން ހޯދަން އިއުލާނުކުރަމުންނެވެ. އޭގެ ތެރެއިން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ވަނީ އެއާޕޯޓުގައި މަސައްކަތްކުރަން 74 އޮފިސަރުން އަދި އިމިގްރޭޝަނަށް 50 ހޯދަން އިއުލާނުކޮށްފަ އެވެ.