ދައުރުގައި ބާކީ 18 މަސް ނެތް ނަމަ ބައިއިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގެނައި އިސްލާހު ތަސްދީގުކޮށްފި
ދައުރުގައި ބާކީ 18 މަސް ނެތް ނަމަ ބައިއިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަންތައް ބާއްވަން ޖެހޭ އަދަދު އިތުރަށް މަދުކުރަން، މެންބަރެއްގެ ގޮނޑި ހުސްވާއިރު، ދައުރު ހަމަވާން ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ހޯރަފުށީ ދާއިރާގެ ޕީއެންސީ މެމްބަރު އަލީ މޫސާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ބައި އިލެކްޝަންތައް ބާއްވަންޖެހޭ އަދަދު އިތުރުވަމުންދާތީ، ހަރަދު ކުޑަކުރުމާ އެކު، މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ހަމަވާން ގާތްވެފައިވާތީ އިތުރު ބައި އިލެކްޝަނެއް ބާއްވަން ނުޖެހޭ ގޮތަށެވެ.

ބިލްގައިވާ ގޮތުން ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ނުވަތަ ކައުންސިލް މެންބަރަކު އިސްތިއުފާ ދިނުމުން ނުވަތަ އެހެން ވެސް ގޮތަކުން އޭނާގެ ގޮނޑި ހުސްވާ ހާލަތެއްގައި، ކައުންސިލް އުމުރުގެ ބާކީ އޮންނަ މުއްދަތު 548 އަށް ވުރެ ކުރު ނަމަ، ބައި-އިލެކްޝަން ބާއްވާކަށް ނުޖެހޭނެ އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ ގޮނޑި ހުސްވިޔަސް، ދައުރުގެ ބާކީގައި ހަމަ އެ މުއްދަތު އޮތް ނަމަ ބައި އިލެކްޝަން ބާއްވަން ނުޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

މިހާރު ގާނޫނު އޮތީ ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 365 ދުވަސް އޮތް ނަމަ ބާއްވަން ނުޖެހޭ ގޮތަށެވެ.

ބިލް ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެހެވެ.