އައިކޮމް އޮފީސް ހިންގާ އިމާރާތުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މުވައްޒަފުން ގެއަށް!
އައިކޮމް އޮފީސް ހިންގާ އިމާރާތުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މުވައްޒަފުން ގެއަށް!

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ހާލަތު ދަށްވުމުން މާދަމާ އިން ފެށިގެން އޮންލައިންކޮށް ހިދުމަތްދޭން އެ އޮފީހުން ނިންމައިފި އެވެ.

އެ ކޮމިޝަންގެ ހާއްސަ އެންގުމެއްގައި ބުނީ، އޮފީސް ހިންގާ އިމާރާތުގެ ހާލަތު ހުރި ގޮތުން އެ އޮފީހުގައި މަސައްކަތް ކުރެވޭ ފަދަ މާހައުލެއް މި ވަގުތު ނެތް ކަމަށެވެ. އެހެންވެ، މާދަމާއިން ފެށިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަސައްކަތްތައް ހިންގާނީ އޮންލައިންކޮށް ކަމަށް ބުންޏެވެ.

އޮފީހުގެ އެއްވެސް ކަމަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ 3010990 އަށް ގުޅައި ދިނުމަށް ވަނީ އެދިފަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް 2015 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަނީ ގ. ބިއްލޫރިޖެހިގޭގަ އެވެ.

އެ އޮފީހުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނީ، އޮފީސް އިމާރާތް ހުރީ މުވައްޒަފުންނަށް ސިއްހީ ގޮތުން އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށެވެ. އެހެންވެ، ފާހަނާ އާއި ސައިކޮޓަރި ބޭނުންކުރުމުގައި ބޮޑެތި ދަތިތަކެއް ހުރުމުގެ ސަބަބުން ރަސްމީ ގަޑީގައި ވެސް މަސައްކަތް ކުރަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.

ރިޕޯޓުގައިވާ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ބިއްލޫރިޖެހިގެއަށް ބަދަލުކުރީ ވަރަށް ގިނަ މަރާމާތުތަކެއް ވެސް ކޮށްގެންނެވެ. އެކަމަކު، ގިނަ ދުވަސްތަކެއް ނުވެ ފާހަނާ އާއި ސައިކޮޓަރީގެ އެކި ހިސާބުތަކަށް ފެން ފޭބުމާއި ފޫ ޖެހުމުގެ އުނދަގޫތައް ކުރިމަތިވާން ފެށި ކަމަށް ބުންޏެވެ.

ނަމަވެސް އެތައް ފަހަރަކު މަރާމާތުކޮށްގެން ވެސް ދެތިން މަސް ދުވަހުގެ ތެރޭގައި އަނެއްކާ ކުރީގެ ހާލަތަށް ބަދަލުވާ ކަމަށް ރިޕޯޓުގައި ވެ އެވެ.

"މިހާރުގެ ހާލަތަށް ބަލާއިރު ފާހަނާ އާއި ސައިކޮޓަރީގެ އިތުރުން ބައްދަލުވުންތަކާއި އަޑުއެހުންތައް ބޭއްވުމަށް އޮފީހުގައި ހުރި ހަމައެކަނި މީޓިން ރޫމުގެ ތެރެއަށް ފެނުގެ އަސަރުކޮށް ހުޅަނގު ފަރާތު ފާރާއި ކާޕެޓް ހަލާކުވަމުން ދިއުމާއި ނުސާފު ފެނުގެ ސަބަބުން ދުވާ ވަހުން މީޓިން ރޫމް ވެސް ބޭނުންކުރަން ވަނީ ދަތިވެފަ އެވެ،" އަހަރީ ރިޕޯޓުގައި ބުންޏެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ހާލަތު ވަރަށް ބޮޑަށް ދަށްވާން ފެށުމުން އޮފީސް އިމާރާތެއް ހިންގަން ފިނޭންސް މިނިސްޓްރީން އޮކްޓޯބަރު، 2024 ގައި އެންމެ ފަހުން ހުއްދަ ދިނުމުން އިމާރާތެއް ހޯދުމުގެ މަސައްކަތް ފެށި އެވެ. ނަމަވެސް، ބިޑުގެ އަގު 7.6 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ވާތީ މާލިއްޔަތު ގަވައިދުގައިވާ ގޮތުގެ މަތިން ބިޑާ މެދު ގޮތެއް ނިންމައިދިނުމަށް ނޮވެމްބަރު 19، 2024 ގައި އެ މިނިސްޓްރީ އަށް ފޮނުވި އެވެ. އޭގެ ފަހުން މައުލޫމާތު ސާފުކުރުމަށް ފަހު، އޮފީސް ހިންގާނެ ޖާގަ ހޯދަން އިއުލާންކުރާނީ ޓެންޑާ ބޯޑުން ކަމަށް ބުންޏަސް އިންފޮމޭޝަން ކޮމިޝަނަރުގެ އަހަރީ ރިޕޯޓު އާއްމުކުރުމާ ހަމައަށް ވެސް އެފަދަ އިއުލާނެއް ކޮށްފައި ނުވާ ކަމަށް އެ އިދާރާ އިން މިދިޔަ މާޗު މަހު ބުންޏެވެ.