ވަރުން ދަވަން: އެންމެ ވަރުގަދަ ތަރިންގެ ލިސްޓަށް އަރަނީ
ވަރުން ދަވަން: އެންމެ ވަރުގަދަ ތަރިންގެ ލިސްޓަށް އަރަނީ

"ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ހިންދީ ފިލްމީ ދުނިޔެއަށް ވަނުމަށްފަހު ފާއިތުވީ ފަސް ވަރަކަށް އަހަރުގެ ތެރޭގައި ވަރުން ދަވަން ވަނީ އޭނާގެ ގާބިލްކަން ވަރަށް ރަނގަޅަށް ދައްކާފަ އެވެ. އާދައިގެ ރޯލަކުން ފުރަތަމަ ފިލްމުން ފެނުނަސް "ބަދްލާޕޫރް" ފަދަ ފިލްމްތައް ކުޅެގެން އޭނާ ވަނީ ތަފާތު ރޯލުތައް ކުޅެވިދާނެ ހުރިކަން ސާބިތުކޮށްދީފަ އެވެ.

ވަރުން ދަވަން: އެންމެ ވަރުގަދަ ތަރިންގެ ލިސްޓަށް އަރަނީ
ވަރުން ދަވަން: އެންމެ ވަރުގަދަ ތަރިންގެ ލިސްޓަށް އަރަނީ

ވަރުން އަކީ ބެލުންތެރިންނަށް ވަރަށް މަގްބޫލު އެކްޓަރެކެވެ. އެތައް މިލިއަން ފޭނުން އޭނާގެ އެބަތިއްބެވެ. އެހެންކަމުން އޭނާގެ ފިލްމުތައް ބަލަން މީހުން ވެއްދުމުގެ ކުޅަދާނަކަން އެބަހުއްޓެވެ. އަދި ޕްރޮޑިއުސަރުންނަށް އެމީހުން ޚަރަދު ކުރި ފައިސާ ލިބޭނެކަމުގެ ގެރެންޓީ ވަރުން ކުޅޭ ފިލްމުތަކުން އޮވެ އެވެ.

ވަރުން މިހާތަނަށް ކުޅުނު ހުރިހާ ފިލްމެއް ހިޓް ވުމަކީ ލިބޭ ޔަގީންކަމެކެވެ. މީގެ ތެރެއިން ބައެއް ފިލްމުތައް 100 ކްރޯޑު (10 ބިލިއަން ރުޕީޒް) ހޯދާފައި ވެ އެވެ. މިވަރުގެ އަދަދެއް ލިބި 100 ކްރޯޑު ކްލަބަށް ފިލްމަކަށް ވަދެވުމަކީ އެ ފިލްމެއް އިންތިހާއަށް ކާމިޔާބުވެފައިވާ ކަމަށް ބަލާ މިންގަނޑެކެވެ.

ވަރުންގެ މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން "އޭބީސީޑީ 2" އާއި "ދިލްވާލޭ" އަށް 100 ކްރޯޑަށް ވުރެ ގިނައިން ލިބިފައިވެ އެވެ. އަދި އެންމެ ފަހުން ރިލިޒްކޮށްފައިވާ "ބަދްރީނާތު ކީ ދުލްހަނިޔާ" އަށް ވެސް އެ ވަރު ލިބޭނެކަމަށް މިހާރު ލަފާ ކުރެވެ އެވެ. ވަރުންގެ މި ރެކޯޑްތަކަށް ބަލާފައި ޓްރޭޑް އެކްސްޕާޓުން ބުނަނީ އޭނާ މި ޖީލުގެ ފުރަތަމަ ސުޕަސްޓާރަށް ވާން ދެން މާ ގިނަ ދުވަހެއް ނެތް ކަމަށެވެ.

މިހާރު ވެސް ގިނަ ބަޔަކު އޭނާ އަކީ ސަލްމާން ޚާން ފެންވަރުގެ އެކްޓަރެއް ކަމަށް ބުނެ އެވެ. ނަމަވެސް ވަރުން އަށް މި ޖީލުގެ ސަލްމާން ޚާނަށް ވެވިދާނެ ހެއްޔެވެ؟

ހަމަ ގައިމުވެސް ސުޕަސްޓާރެއް ކަމަށް ބަލާ ހުރިހާ ކަމެއް ވަރުންގެ ވަނީ ފުރިހަމަ ވެފަ އެވެ.

ޓްރޭޑް އެކްސްޕާޓް އަދި ފިލްމު އެގްޒިބިޓާ، ޑިސްޓްރިބިއުޓާ އަކްޝޭ ރާތީ ބުނި ގޮތުގައި ވަރުން މިހާރު ވަނީ އޭނާގެ އަމިއްލަ މަސައްކަތުން ހިންދީ ފިލްމީ ދުނިޔޭގައި ވަރުގަދަޔަށް ފައިތިލަ ސާބިތުކޮށްފަ އެވެ. ވަރުން ނޫން އެހެން ގިނަ އެކްޓަރުންނަށް ބަލާއިރު އެމީހުން މުޅި ކެރިއަރު ބޭކާރު ކޮށްލަނީ އެމީހުންނަށް އެކްޓްކުރެވިދާނެ ކަން ސާބިތުކޮށްދޭން މަސައްކަތް ކުރުމުގައި ކަމަށް އަކްޝޭ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފިލްމީ ތަރިއެއްގެ މަސައްކަތަކަށް ވާން ޖެހޭނީ އޭނާގެ ފިލްމުތައް ބަލަން ސިނަމާތަކަށް މީހުން ވެއްދުމެވެ. އެކްޓް ކުރުމެއް ނޫނެވެ. ކިތަންމެ މޮޅަށް އެކްޓް ކުރިޔަސް އެ ފިލްމެއް ބަލަން މީހުން ޝައުގުވެރިނުވާ ނަމަ އެ އެކްޓަރަކަށް ކުރިއެރުމެއް ނުލިބޭނެ އެވެ. ވަރުންގެ ކޮންމެ ފިލްމެއް ރިލީޒްވާން ކައިރިވާއިރު އޭނާ ދޭ އިންޓަވިއުތަކުގައި ބުނަނީ އޭނާ އަކީ މުނިފޫހިފިލުވާދިނުމަށް މަސައްކަތް ކުރާ މީހެއް ކަމަށެވެ. ފިލްމީ ތަރިއެއްގެ މަސައްކަތަކަށް ވާން ޖެހޭނީ އެކަން ކަމަށާއި ކާމިޔާބު އަދި މަގްބޫލު އެކްޓަރަކަށް ވެވޭނީ އެގޮތަށް ކަމަށް ޓްރޭޑް އެކްސްޕާޓް ބުނެ އެވެ.

ބައެއް މީހުން ވަރުންގެ އެކްޓިން ހުނަރަށް ފާޑު ކިޔަސް މައްސަލަ އެއް ނެތެވެ. އޭނާ މިހާތަނަށް ކުޅުނު ހުރިހާ ފިލްމެއް ވަނީ ހިޓްވެފަ އެވެ.

ޓްރޭޑް އެނަލިސްޓް ބުނި ގޮތުގައި ފާޑުކިޔާ މީހުން ކޮންމެ އެއްޗެކޭ ކިޔަސް މައްސަލައެއް ނެތެވެ. އަދި ވަރުން އަކީ ރަންބީރު ކަޕޫރާއި ޝާހިދު ކަޕޫރު ހާ މޮޅު އެކްޓަރަކަށް ނުވުމަކީ ވެސް މާ ބޮޑު ކަމެއް ނޫނެވެ. އޭނާގެ ފިލްމުތައް މީހުން ބަލައިގަނެ އެވެ. އޭނާއަށް އިންތިހާއަށް މީހުންގެ ލޯބި ލިބެ އެވެ.

ވަރުން އުޅޭ ފިލްމަކަށް ވާތީ ކޮންމެހެން އެ ފިލްމެއް ބަލަން ސިނަމާތަކަށް ދާ މީހުން ބައިވަރެވެ. ހަގީގީ ސުޕަސްޓާރެއް އުފަން ވަނީ މިގޮތަށެވެ.

ވަރުން ފިޔަވައި ފަހުގެ އެކްޓަރުންގެ ތެރެއިން މިހާ ރަނގަޅު ރެކޯޑެއް އޮތީ ރަންވީރު ސިންގް އަށެވެ.