18 މެއި 2025 - 22:15

މާލޭގެ ނޯތު ހާބަރު ބޭރުގައި އަޅާފައި އޮތް ބޯޓަކުން އެއްޗެއް ނަގަން ގޮސް އުޅެނިކޮށް ސާފިން ޗެމްޕިއަން އަބްދުﷲ އަރީފް (ފުކޫ) އަށް ފެނުނީ އެ ދިމާލުން ބޭރު ތޮށިގަނޑު ކައިރީގައި މީހަކު މޫދުގައި އޮއްވަ އެވެ.

އެތަނަކީ އާންމުކޮށް މީހުން މޫދަށް އެރޭ ތަނެއް ނޫނެވެ. ލޯންޗުތައް ދުއްވާ އެ ސަރަހައްދުގައި އެ މީހާ އޮތުމުގެ ނުރައްކާ އެނގޭތީ އެތަނުގައި ނޯންނަން ވެސް ފުކޫ ގޮވި އެވެ.

އެކަމަކު އެ މީހާގެ ހަށިގަނޑުގެ ހަރަކާތްތައް ފެނުމުން ކަމެއް ގޯސްކަން އެނގުނީ އެވެ.
"މެންދުރު 11:30 ހާއިރު އެއީ. ދެން އެ މީހާ މައްޗަށް ގޮސްފައި އަޑިއަށް ގޮސްފައި ލޯ ވެސް ބޮޑުވެފައި ހުރީމަ އެނގިއްޖެ މި މީހާއަށް ފަތަން ނޭނގޭކަން،" ފުކޫ ކިޔައިދިނެވެ.
އެހެންވެ ފުކޫ އަވަސްވެގަތީ އޭނާ ސަލާމަތްކުރަން ބޮއެއް ހޯދުމަށެވެ. އޭނާ އަތުލީ ދެ ބޯޓު ޖެހޭތީ ބާއްވާފައި އޮތް ބޮއެ ފައްޗެކެވެ. ބިދޭސީ މީހެއްގެ އަތުން އެ ބޮއެ އަތުލައި ބެލިއިރު، ގެނބެމުން ދިޔަ މީހާ މޫދުގައި ފެންނާކަށް ވެސް ނެތެވެ.
އެ ހޭދަވި މިނެޓެއްހާއިރުގެ ތެރޭގައި އެ މީހާ އަޑިއަށް ދިއުމުން، ފުކޫ ވަގުތުން ފުންމާލީ މޫދަށެވެ.
ފުކޫ ބުނީ އެ ހިސާބަށް ދެވުނުއިރު އެ މީހާ މޫދު އަޑިއަށް ދަނީ ކަމަށެވެ. އެހެންވެ އޭނާ ނަގައި އަވަހަށް އެއްގަމާ ހިސާބަށް ގެނައީ އެވެ.
ފުކޫ ބުނި ގޮތުގައި އެ ހިސާބުން ތޮށިގަނޑު މައްޗަށް އޭނާ ނެގީ އެމްޕީއެލްގައި މަސައްކަތްކުރާ އިތުރު މީހެއްގެ އެހީގަ އެވެ. އެތަން ފެނިގެން އެތަނުގައި ތިބި މީހުން އޭރު ވަނީ އައިޖީއެމްއެޗުގެ އެމްބިއުލާންސަށް ގުޅައިފަ އެވެ.
ފުކޫ އެތަނުން ދިޔައީ ފަރުވާއަށް އޭނާ ގެންދާކަން ޔަގީންވުމުންނެވެ. ގެނބެމުންދިޔަ މީހަކު ސަލާމަތްކުރިއިރު އެ މީހާއަކީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ފުކޫއަށް ނޭނގެ އެވެ. އެމީހާގެ ހާލެއް ވެސް ނޭނގެ އެވެ.
އެކަމަކު އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާ ނަގައިގެން ތޮށިގަނޑު ކައިރިއަށް ގެންދިޔައިރު ހެއެއް ނެތެވެ. ޓީޝާޓެއް ވެސް ނުލައި އޮތް އެ މީހާ، މޫދަށް ގެނބުނީ ކިހިނެއް ކަމެއް އަދި ސާފެއް ނޫނެވެ.