18 މެއި 2025 - 12:15

ވާލާއި ކާޅު ފަދަ ދިރޭތަކެތީގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދަން، އެތަކެތީގެ އަދަދު ބަލައި ބެލެހެއްޓުމާ ގުޅޭ ގޮތުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މަޝްވަރާކުރައްވައިފި އެވެ.
މި ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނާ އެކު މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި "އަހާ" ފޯރަމްގައި، ވާލާއި ކާޅުގެ އުނދަގޫވާ ކަމަށް ބުނެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މާރިޔާ ވަނީ އެ ތަކެތި މަރަން ބޭނުން ނުވާ ކަމަށާއި އެއާއެކު އުޅެން ދަސްކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓްރީން މިއަދު ބުނީ އީޕީއޭއާ އެކު ބޭއްވި ބައްދަލުވުމުގައި، ކާޅާއި ވާލުގެ އުނދަގުލުން ދަނޑުތައް ސަލާމަތްކުރުމާއި އެ ތަކެތި މެނޭޖުކުރުމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ.
އެ ބައްދަލުވުމުގައި އީޕީއޭ އިން ބުނީ ވާލާއި ކާޅުގެ އަދަދު ދެނެގަތުމަށް ފަހު އެތަކެތި ބަަލަހައްޓަން އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަންނާނެ ކަމަށެވެ.
އީޕީއޭ އިން ހިޔާލު ދީފައި ވަނީ ވާލާއި ކާޅުގެ އުނދަގޫބޮޑުވެ، އެހެން ގޮތެއް ނެތް ނަމަ މެރުމަށެވެ. އެކަމަކު އެކަން ކުރާނީ އެންމެ ފަހު ކަމެއްގެ ގޮތުން ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.
ވާލާއި ކާޅުގެ އުނދަގޫ ބޮޑުވާ ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ އެ ތަކެތި ދިރިއުޅޭ މާހައުލު ހަލާކުވުން ކަމަށެވެ.
ގޭގޭގެ ގަސްތަކުގައި ހުންނަ މޭވާ ކަނީ ވާލާއި ކާޅުގެ މާހައުލު ހަލާކުވެފައި ވާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިހާރު ޖެހިގެން އުޅޭ މައްސަލަތައް ޖެހެނީ ވެސް ދިރޭތަކެތީގެ މާހައުލު ރައްކާތެރިކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކަމަށް މާރިޔާ ދެކެވަޑައިގަންނަވަ އެވެ.