18 މެއި 2025 - 08:55

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ނުވަ ލައްކައަށް ވުރެ އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 833،000 ޓޫރިސްޓުންނެވެ. މިއަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 6،700 ޓޫރިސްޓުން އާދެ އެވެ.
މިއަހަރުގެ ފުރަތަމަ ތިން މަހުން ކުރެ ކޮންމެ މަހަކު ވެސް ރާއްޖެއަށް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ މަހު 198،000 ޓޫރިސްޓުން އައިސްފަ އެވެ.
މި މަސް ނިމޭ އިރު 170،000 ޓޫރިސްޓުން އަތުވެއްޖެ ނަމަ، ރާއްޖެއަށް މި އަހަރު އައި ޓޫރިސްޓުންގެ އަދަދު މިލިއަނަކަށް އަރާނެ އެވެ. މި މަހުގެ މިހިސާބަށް އައި އިރު 70،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
މި މަހުގެ މިހާތަނަށް ބަލާއިރު ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު އަންނަނީ 5،000 ޓޫރިސްޓުންނެވެ. އެއީ މިއަހަރުގެ އެވްރެޖު އެންމެ ދަށް މަހެވެ. އާންމު ގޮތެއްގައި ވެސް މެއި މަހުން ފެށިގެން އަހަރުގެ ފަހުކޮޅާ ހަމައަށް ޓޫރިސްޓުންގެ އަދަދު ދަށްވެ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން ހަމަވީ، ޖޫން މަހުގެ އެންމެ ފަހު ހަފުތާގަ އެވެ. އެކަމަކު މިއަހަރުގެ ހިސާބުތައް ދައްކާ ގޮތުން އެއް މިލިއަން ޓޫރިސްޓުން މި މަހު ނުވަތަ އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ހަމަވާނެ ކަމަށް ބެލެވެ އެވެ.
ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން މިވަގުތު އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން ވަނީ 103،000 ޓޫރިސްޓުން އައިސްފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ރަޝިއާއިން 97،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އިނގިރޭސިވިލާތުން 93،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރެއިން 70 ޕަސެންޓު ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ. ގެސްޓްހައުސްތަކުގައި ހޭދަކުރަނީ 23 ޕަސެންޓު ޓޫރިސްޓުންނެވެ.