17 މެއި 2025 - 16:30

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފި އެވެ.
މެޓުން މިއަދު ބުނީ، ކުރިއަށް އޮތް ތިން ދުވަހު ހުޅަނގު މޫސުމުގެ ބާރު އިތުރަށް ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުންޏެވެ.
މެޓުން ލަފާކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހުގެ ނިޔަލަށް މޫސުން އެންމެ ގޯސްވާނެ ކަމަށް ބެލެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ.
އެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ އެ އަތޮޅުތަކަށް ހުޅަނގު މޫސުން ލަހުން ފެށުމުންނެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރަން ފަށަ އެވެ. އޭގެފަހުން އެ މޫސުމުގެ އަސަރު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށެ އެވެ.
މިދިޔަ އަހަރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މެއި މަހުގެ ނުވަ ވަނަ ދުވަހު އެވެ. މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މެއި 14 ގައި، އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މެއި 17 ވަނަ ދުވަހު އެވެ.
ނިމިދިޔަ ހަފްތާގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި، މޫސުން ގޯސްވެފައިވެ އެވެ.