ހުމާ ހެދި "އިލް ނޮއިސް" އެޅުވުން ފަސްކޮށްފި
ހުމާ ހެދި "އިލް ނޮއިސް" އެޅުވުން ފަސްކޮށްފި

އަންނަ ބުރާސްފަތި ދުވަހު ޕްރިމިއާ ކުރާ ތިއޭޓަ މިރާޖާއި އޯކޭޒް އިންކްގެ ފިލްމް "އިލް ނޮއިސް" އެޅުވުން ފަސްކޮށްފި އެވެ.

"އިލް ނޮއިސް" ގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ޝްވެކްގައި ސިނަމާގައި އަޅުވަން ނިންމައި މިހާރު ޓިކެޓް ވެސް ވިއްކަމުން ގެންދާ ފިލްމު ފަހުގެ ތާރީހަކަށް ފަސް ކުރީ މި ދުވަސްވަރު ރާއްޖޭގައި ވަރަށް ބޮޑަށް ވައިރަލް ރޯގާއި އާއި ސްވައިން ފްލޫ ފެތުރުމުންދާތީ ކަމަށެވެ.

"އިލް ނޮއިސް" ގެ ޓީމުން ބުނީ ފިލްމް ފަސް ކުރަން ޖެހުމަކީ ފަސޭހަ ނިންމުމެއް ނޫން ނަމަވެސް މިއީ މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި މި ވަގުތު އަޅަން ޖެހޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އެހެންވެ ފިލްމަށް ޓިކެޓް ނަގާފައިވާ މީހުންގެ ކިބައިން މާފަށް ވެސް އެދޭ ކަމަށް ބަޔާނުގައި ބުންޏެވެ.

"އިލް ނޮއިސް" ގެ ޓީމުން ބުނީ ފިލްމް އަޅުވާނެ ތާރީހެއް ދެން އިއުލާން ކުރާނީ ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ އެކު މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

މި އަހަރު އަޅުވާ ތިން ވަނަ ފިލްމް "އިލް ނޮއިސް" އަކީ އަހުމަދު މައުރޫފް ޖަމީލުގެ ސްކްރީންޕްލޭއަކަށް، އިސްމާއީލް ނިހާދު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މިއީ ތިއޭޓަ މިރާޖުން 2012 ވަނަ އަހަރު "އިލް ނޮއިސް" ގެ ނަމުގައި ގެނެސް ދިން ތިއޭޓަ ޕްލޭއަށް ބިނާކޮށް ހަދާފައިވާ ސައިކޮލޮޖިކަލް ތުރިލާއެކެވެ.

މީގައި ކިޔައި ދެނީ އާދަޔާހިލާފު ބައްޔެއް ޖެހިފައިވާ މީހަކު އެ ބަލިން ސަލާމަތްވުމަށް ކުރާ މަސައްކަތެވެ.

"އިލް ނޮއިސް" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ މުންކޮ އާއި ޝަމްއަތު އިބްރާހީމްގެ އިތުރުން އަހުމަދު އަލަމް އެވެ.