16 މެއި 2025 - 07:05

ޖިއްދީ (މެއި 16) - ރަށުން ބޭރުގައި 3-1 އިން އައް ރައީދު ބަލިކޮށް ސައުދީ ލީގެ ޗެމްޕިއަންކަން އަލް އިއްތިހާދު ހޯދައިފި އެވެ.
މިއީ އިއްތިހާދު ލީގު ޗެމްޕިއަންކަން ހޯދި 10 ވަނަ ފަހަރެވެ. އެންމެ ފަހުން ޗެމްޕިއަންކަން ހޯދާފައި ވަނީ 2023 ވަނަ އަހަރެވެ.
އައް ރައީދުން މެޗުގެ ނުވަވަނަ މިނިޓުގައި ލީޑު ނެގި ނަމަވެސް އިއްތިހާދު ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ސްޓީވެން ބާގްވެއިން އާއި ޑެނީލޯ ޕެރޭރާ އަދި އަބްދުއްރަހްމާން އަލޮބުދެވެ.
މި މޮޅާ އެކު، ފްރާންސްގެ ކުރީގެ ކޯޗު ލޯރެން ބްލާންކް ގެ އިރުޝާދުގެ ދަށުން ކުޅޭ އިއްތިހާދު ވަނީ ލީގުގައި ދެ މެޗު ބާކީ އޮއްވައި 77 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައިގައި އޮތް އަލް ހިލާލަށް ވަނީ އެއް މެޗު މަދުން ކުޅެގެން 68 ޕޮއިންޓް ލިބިފަ އެވެ.
ލީގު ޗެމްޕިއަންކަން ކަށަވަރު ކުރި އިރު، އަލް އިއްތިހާދުގެ ޓޮޕް ސްކޯރާ ކަރީމް ބެންޒެމާ އަނިޔާގެ ސަބަބުން ރޭގެ މެޗުގެ ސްކޮޑުގައި ނުހިމެނެ އެވެ. އޭނާ ވަނީ މިހާތަނަށް 21 ލަނޑު ޖަހައިފަ އެވެ.
ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތީ މިހާތަނަށް 23 ލަނޑު ޖަހާފައިވާ އައް ނަސްރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯގެ އައްނަސްރު މިވަގުތު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. އަންނަ ސީޒަންގެ އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓް އިން ފުރުސަތު ލިބޭނީ ލީގުގެ ގަދަ ދޭއްގައި ހިމެނިގެންނެވެ.