15 މެއި 2025 - 17:29

އުމްރާއަށް ގެންދަން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު އުމްރާއަށް ނުގެންދިޔަ އަސްކޮއި ހައްޖު ގްރޫޕު ޖޫރިމަނާކޮށްފި އެވެ.
އުމްރާއަށް ތައްޔާރުވި ފަހުން ނުގެންދެވޭނެ ކަން އެންގީ އަސްކޮއި ހައްޖު ގްރޫޕްގެ ހަވާލުގައި ދާން އުޅުނު ހަ މީހަކަށެވެ.
މައިންބަފައިންނާއި އާއިލާގެ އިތުރު ބަޔަކާ އެކު އުމްރާއަށް ދާން ތައްޔާރުވި އެ އާއިލާ އިން ބުނެފައިވާ ގޮތުގައި މިދިޔަ ރޯދަމަހުގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ދިއުމަށް އަސްކޮއި ގްރޫޕަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފައިސާ ދައްކަމުން ގޮސް މިދިޔަ ޖެނުއަރީ 24 ގައި އެއްކޮށް ފައިސާ ދައްކައި ނިންމާފައިވާ ކަމަށެވެ.
އެ ގްރޫޕަށް ފައިސާ ދެއްކީ މީހަކަށް 42،000ރ. ގެ ރޭޓުން 252،000ރ. އެވެ. ފުރަން 10 ދުވަހަށް ވެފައި އޮއްވައި، ދަތުރު ކުރެވެން ނެތް ކަން އެންގީ ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. އޭރު އެ އާއިލާ އިން ތިބީ މާލެ އައުމުގެ އިންތިޒާމް ވެސް ހަމަޖައްސައިގެންނެވެ.
އެކަމާ ގުޅިގެން ގުރޫޕަށް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ކުރިން ވިދާޅުވެފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ އަސްކޮއި އިން ހިލާފުވެފައިވާތީ ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށެވެ. އެ ގުރޫޕް ޖޫރިމަނާކޮށްފައިވަނީ 130،000ރ. އިންނެވެ. އެ ފައިސާ 30 ދުވަސް ތެރޭ ދައްކަން ވެސް ވަނީ އަންގައިފަ އެވެ.
އުމްރާ ދަތުރަށް ފައިސާ ދައްކާފައިވާ ނުވަ މީހުންގެ ރިފަންޑް އެ މީހުންނަށް އަނބުރާ ހަވާލުކުރަން ވެސް އިސްލާމިކް މިނިސްޓްރީން އެންގި އެވެ.