15 މެއި 2025 - 13:38

ހުޅުމާލޭގައި ތުއްތު ކުއްޖަކު އުރައިގެން މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި، ތިން މީހަކަށް މިއަދު އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ކުޑަކުއްޖަކު އުރައިގެން ހުޅުމާލެ ނިރޮޅުމަގުން ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެފައިވާ ކަމުގެ ރިޕޯޓް މިއަދު ހެނދުނު 9:30 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ވާތު ކޮނޑުހުޅު ބިނދި، ކަނާތު ފައިތިލަ މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"މަގު ހުރަސްކުރި އަންހެން މީހާގެ ވާތު އުޅަނބޮށި މަށައިގެން ގޮސްފައިވޭ. އަދި ކުޑަކުއްޖާ ބޯ ދުޅަވެފައިވޭ،" ފުލުހުން ބުންޏެވެ.
އަނިޔާވި ކުޑަކުއްޖާއަކީ އެއް އަހަރާއި 8 މަހުގެ ކުއްޖެކެވެ.
ފުލުހުން ބުނީ އެ ތިން މީހުންނަށް ވެސް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށެވެ.
އެ އެކްސިޑެންޓް ހިނގި ގޮތް ފެންނަ ވީޑިއޯ ފުޓޭޖެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ކުއްޖާ އުރައިގެން އަންހެން މީހާ މަގު ހުރަސް ކުރަނިކޮށް، މަގުން ދުއްވާފައި ދިޔަ ސައިކަލެއް އޭނާގެ ގައިގައި ޖެހެ އެވެ. ސައިކަލުގެ ކުރީ ފުރޮޅު ޖެހެނީ އަންހެން މީހާގެ ފައިގަ އެވެ. އެއާ އެކު، އަންހެން މީހާ ވެއްޓި، އޭނާ އުރައިގެން ހުރި ކުއްޖާގެ ބޯ ބިންމަތީގައި ޖެހެ އެވެ. އަދި ސައިކަލު ދުއްވަން އިން ފިރިހެން މީހާ ވިއްސައިގެން ދާތަން ވެސް ފެނެ އެވެ.