15 މެއި 2025 - 13:17

ދ. ކުޑަހުވަދޫގައި އާރުސީސީން އަޅަން ތައްޔާރުވަމުންދާ "މާވޭރު" އެޕާޓްމަންޓުތަކުގެ 50 ޕަސެންޓް ފެލްޓްތައް ވިކިއްޖެ އެވެ.
އެ ކުންފުނީގެ ޗެއާމަން މުހައްމަދު ނާޒިމް "މިހާރު"އަށް ވިދާޅުވީ އެޕާޓްމަންޓުތަކަށް މިދިޔަ މަހު ހުޅުވާލުމާއެކު ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި އެކި ފަރާތްތަކުން ގަނެފައިވާ ކަމަށެވެ. އަދި ބާކީ ހުރި ތަންތަނަށް ހަދާނެ ގޮތަކާ މެދު ކައުންސިލާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ވިއްކަނީ 1.5 މިލިއަން ރުފިޔާއަށެވެ. އެއީ ދެ ޓަވަރުގައި ހަދާ 160 އެޕާޓްމަންޓެވެ.
ނާޒިމް ވިދާޅުވީ އަންނަ ހޯމަ ދުވަހު ސާވޭ ޓީމު ކުޑަހުވަދުއަށް ދާނެ ކަމަށެވެ. އެއަށްފަހު، މަޝްރޫއުގެ ބިންގާ އަޅަން ނިންމާފައިވަނީ އަންނަ މަހުގެ ތެރޭގަ އެވެ.
މިއީ، ކުންފުންޏަކުން ވިއްކާ ގޮތަށް މާލެއިން ބޭރުގައި އިމާރާތް ކުރާ ފުރަތަމަ އެޕާޓްމަންޓުތަކެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް ޖާދުﷲ ހަމީދު ވިދާޅުވީ، ރަށުގެ އާބާދީ އިތުރުކުރުމުގެ މަގުސަދުގައި ފަށާ މަޝްރޫއުގެ ތެރެއިން ކޮންމެ މީހަކަށް ވެސް އެޕާޓްމަންޓު ގަނެވެނޭ ކަމަށެވެ. އެކަމަކު، ކުޑަހުވަދޫގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެޕާޓްމަންޓަށް ކުލި ދެއްކުމުގައި ލުއިތަކެއް ލިބޭނެކަން ފާހަގަ ކުރެއްވި އެވެ.
އެ ޓަވަރުތައް ނިމުމުން ހައުސިންގެ ދެވަނަ މަޝްރޫއު ފަށާނެ ކަމަށް ޖާދުﷲ ވިދާޅުވި އެވެ.
ކުޑަހުވަދޫ ކައުންސިލްގެ އަމާޒަކީ، އަލަށް ހިއްކި ސަރަހައްދުގައި 320 އެޕާޓްމަންޓް ތަރައްގީ ކުރުމެވެ. އާރުސީސީއާއެކު އެއްބަސްވުމުގައި ސޮއިކުރި ފަހުން އިތުރު ކުންފުންޏަކުން ވެސް ވަނީ އެޕާޓްމަންޓް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.