15 މެއި 2025 - 12:04

އިސްލާމް ދީނުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެގޮތަށް ވިދާޅުވީ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ އާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ދިވެހި އާއިލާތައް ބަދަހިވެ، ފުދުންތެރި ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ގައުމުގެ ކުރިއެރުން ހަލުއިވެ، ކުރިމަގު އުޖާލާވާނެ ކަމަށެވެ.
ރާއްޖެއަކީ ގައުމުގެ އިޖްތިމާއީ ތަރައްގީގައި އާއިލާތަކުގެ މުހިންމު ދައުރެއް އޮންނަކަން އަބަދުވެސް ގަބޫލުކުރާ ގައުމެކެވެ. އެގޮތުން ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭންތަކުގައި ސިޔާސަތުތައް ހިމެނުމުގައި ޢާއިލާތަކަށް އަމާޒުކޮށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އޭތެރޭގައި:
- އާސަންދަ
- ޗައިލްޑް އެންޑް ސޯޝަލް ޕްރޮޓެކްޝަން ސާވިސްގެ ހިދުމަތް
- އެކަނިވެރި މައިންނާއި ބަފައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން
- މުސާރަ ލިބޭ ގޮތަށް ވިހެއުމުގެ ޗުއްޓީ (މައިންނަށް 6 މަހަށް އަދި ބައްޕައިންނަށް 1 މަސް)
މި ސަރުކާރުން ވަނީ އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ތަރައްގީކޮށް، ހިންގަން ފެށުމަށް ތައްޔާރުވަމުންނެވެ.