15 މެއި 2025 - 11:37

ދިރާގުން މިދިޔަ އަހަރު ހިންގި ޕްރޮމޯޝަނުގައި ދިން ޓެސްލާ ކާރު ގަނެ، ރާއްޖޭގެ ފުރަތަމަ ޓެސްލާ ޓެކްސީގެ ގޮތުގައި މިއަދު ބޭނުންކުރަން ފަށައިފި އެވެ.
ދިރާގު ޕްރޮމޯޝަންގައި ޓެސްލާ ކާރު ލިބުނީ ކ. ތުލުސްދޫ މީހެއް ކަމަށްވާ މުސްތަފާ މުހައްމަދަށެވެ. އޭނާގެ އަތުން އެ ކާރު ގަނެގެން ޓެކްސީކުރަނީ، އަވަސް ރައިޑުގެ ޑްރައިވަރު އަލީ ޒަމީރު އާދަމެވެ. އޭނާ އެ ގަތް އަގެއް ނުބުނެ އެވެ.
އަލީ "މިހާރު" އަށް ބުނީ ޓެސްލާ ކާރު ލިބުނުތާ ހަފުތާއެއް ވެއްޖެ ކަމަށާއި ނަމަވެސް ޓެކްސީ ބޯޑަށް ބަދަލުކޮށް ފުރަތަމަ ދަތުރަށް ނުކުތީ މިއަދު ކަމަށެވެ.
އޭނާ ބުނި ގޮތުގައި އަގުބޮޑު އަދި ޒަމާނީ ކާރެއްގައި ޓެކްސީކުރަން ފެށީ ރަނގަޅު ފައިދާއެއް ލިބޭތޯ ބަލައި އާ ތަޖުރިބާއެއް ކުރުމަށެވެ. ޒަމާނީ ކާރެއްގައި ޓެކްސީކުރިޔަސް ދަތުރުތަކަށް ނަގާނީ ސަރުކާރުން ޓެކްސީ ދަތުރުތަކަށް ކަނޑައަޅާފައިވާ އަގު ކަމަށް އޭނާ ބުންޏެވެ. އަދި އާއްމު ކާރުތަކޭ އެއްގޮތަށް ޒަމާނީ އެ ކާރުން ވެސް ދަތުރުތައް ލިބޭނެ ކަމަށް ބުންޏެވެ.
"މަގުމަތިން ދަތުރެއް ލިބުނަސް ދަތުރުކުރާނެ،" ދެ ހާސް ވަނަ އަހަރުން ފެށިގެން ޓެކްސީ ކުރަމުން އަންނަ އަލީ ބުންޏެވެ.
އާއްމު ދަތުރުގެ އިތުރުން ދެ ފަރާތުން އެއްބަސްވާ އަގަކަށް ވެސް ޓެކްސީ ކުއްޔަށް ނަގައިގެން ދުއްވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ބުންޏެވެ.
ތިން ކުދިންނާ އެކު ހުޅުމާލޭގައި ދިރިއުޅެމުން އަންނަ އަލީ ބުނީ ޓެކްސީ ކޮށްގެން ލިބޭ އާމްދަނީ ކުރިއަށްވުރެ ދަށްވެފައިވާ ކަމަށެވެ. ނަމަވެސް، މި ކާރާ އެކު، އާމްދަނީ އިތުރުވުމަކީ އޭނާގެ އެއް އުންމީދެވެ.