18 މާޗް 2017 - 11:14

ދ. ބަނޑިދޫ ދޯންޏަކުން 28 ކިލޯގެ މާވަހަރެއް ހޮވައިފި އެވެ.
އެ ރަށު ކައުންސިލް މެމްބަރަކު ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް މީގެ ދެ ދުވަސް ކުރިން އެ މާވަހަރު ހޮވީ ހއ. އަތޮޅު ހިސާބާ 40 މޭލު ބޭރުން ކަމަށެވެ. އެއީ ބަނޑިދޫގެ "ނަސްރު" ނަމަކަށް ކިޔާ ދޯނިންނެވެ.
މާވަހަރުން ބައެއް ލަންކާއަށް ގެންގޮސް، އެ ޓެސްޓު ވެސް ކޮށްފައިވާ ކަމަށާއި އަދި އެ ޓެސްޓުން ވެސް މާވަހަރެއްކަން ޔަގީންވާ ކަމަށް ކައުންސިލުން ބުންޏެވެ.
އޭތި މިހާރު ބާއްވާފައި އޮތީ އެ ރަށުގަ އެވެ. އަދި އެ ވިއްކާލަން އެ ދޯނީގެ މީހުން ބޭރުގެ ބަޔަކާ ވާހަކަދައްކަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.
ރާއްޖޭގެ ބައެއް ރަށްރަށުން ދޭތެރެ ދޭތެރެއިން މާވަހަރު ހޮވަ އެވެ. ބާޒާރުގެ އާންމު އަގު (ގްރާމަކަށް 24-20 ޑޮލަރު)ގެ ރޭޓުން ބަލައިފި ނަމަ މި މާވަހަރު ވިއްކާލައިގެން 13-15 ވަރަކަށް މިލިއަން ރުފިޔާ ލިބޭނެ އެވެ.