14 މެއި 2025 - 18:47

ހުޅުމާލޭގެ ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ތަަރައްގީކޮށް ހިންގުމަށް އެންވަޔަރްމަންޓް މިނިސްޓްރީ އާއި އެޗްޑީސީއާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެޗްޑީސީން ބުނީ އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށް ގާއިމުކުރާ ނާސަރީއެއް ކަމަށެވެ. އަދި މިނިސްޓްރީން އެތަން ތަރައްގީ ކުރިޔަސް ނާސަރީގެ އޮޕަރޭޝަންގެ ހުރިހާ ކަމެއް ކުރާނީ އެޗްޑީސީގެ ދަށުންނެވެ.
އެޗްޑީސީން ބުނި ގޮތުގައި ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އޭގެ ތެރޭގައި އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއެކު އެއް މިލިއަން ގަސް އެ ކުންފުނިން އިންދާނެ ކަމަށް ބުންޏެެވެ.
އެޗްޑީސީން އިންދާ އެއް މިލިއަން ގަސް އިންދާނީ ހުޅުމާލެ އާއި ރަސްމާލެ އާއި ކުޑަގިރި އަދި ތިލަފުއްޓާއި ގުޅީފަޅުގަ އެވެ.
އެ ޕްރޮގްރާމުގެ ދަށުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ހުރިހާ ރަށްތައް ފެހިކުރުމަށް އެ ކުންފުނިން ހިފާފައިވާ އަމާޒަށް ވާސިލުވާނެ ކަމަށް ވެސް ބުންޏެެވެ.