ކޮންމެ ސަރުކާރަކުން ފަނޑިޔާރުން ބަދަލުކުރުމަކީ ގޯހެއް: ނަޝީދު
ކޮންމެ ސަރުކާރަކުން ފަނޑިޔާރުން ބަދަލުކުރުމަކީ ގޯހެއް: ނަޝީދު

ކޮންމެ ވެރިކަމެއްގައި ފަނޑިޔާރުން ބަދަލު ކުރުމަކީ ހެދޭ ވަރަށް ގޯހެއް ކަމަށާއި އެކަން އެގޮތަށް ނުވާނެ ގޮތަކަށް ނިޒާމު ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާތީ އެވެ.

އެކްސްގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލުކުރަންޖެހޭ ކަމަށް ވެރިންގެ ހިތަށް ވަނުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އަދި ރައީސް ބޭނުންފުޅުވާއިރަށް ފަނޑިޔާރުން ބަދަލުކުރުމަކީ ގާނޫނުއަސާސީގައި ތަސައްވަރު ކުރި ގޮތް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ ބައްޓަންކޮށްފައި ވަނީ އުއްމީދުކުރި ގޮތާ ހިލާފަށް ރަސްކަމެއް ފަދަ ރިޔާސީ ނިޒާމަކަށެވެ.

ނަޝީދު ވިދާޅުވީ 2008 ގައި އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާ އެކު ސުޕްރީމް ކޯޓު އެކުލަވާލުމަށްފަހު 2013 އާއި 2018 އަދި 2023 ގެ އިންތިހާބުތަކަށް ފަހު، ކޮންމެ ވެރިކަމަކުން ވެސް ފަނޑިޔާރުން ބަދަލުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއީ [ފަނޑިޔާރުން ބަދަލުކުރުން] ވަރަށް ބޮޑު ދެރައެއް. އަދި ގޯހެއް. މިކަން މިހެން ނުވާނެ ގޮތަކަށް ނިޒާމު ބަދަލުކުރަންޖެހޭ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެގޮތަށް ވިދާޅުވިއިރު ކުރީގެ ސަރުކާރުގައި އޭނާ މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައިގެން ވެސް ޖުޑީޝަރީއަށް ނުފޫޒު ފޯރުވި ކަމަށް އޭރު އިދިކޮޅުން ތުހުމަތުކުރި އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ވަނީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިން މެދުވެރިކޮށް ހައްޔަރުކުރި އެވެ.

އެ މައްސަލާގައި ފަހުން ނަޝީދު ވަނީ އެއީ ހެއްދެވުނު ގޯހެއް ކަމަށާއި އެކަން ކުރަންޖެހުނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނިންމުންތަކަށް އަބްދުﷲ ގާޒީ އަމަލު ނުކުރެއްވުމުން ކަމަށް ވިދާޅުވެފަ އެވެ. އެ މައްސަލާގައި ނަޝީދު 13 އަހަރަށް ޖަލަށްލާން ކުރިން ހުކުމްކުރި ނަމަވެސް ފަހުން އެ ހުކުމް ވަނީ ބާތިލްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ބޭފުޅުން މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.

އެ ދެ ފަނޑިޔާރުން ވަކިކުރަން ކޮމިޓީން ފާސްކުރި ފަހުން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ފަނޑިޔާރުންނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލު ކުރެވި، އެންމެންނަށް އެއް ހަމައަކުން އަމަލު ކުރުމުގެ އުސޫލާ ޖޭއެސްސީން ހިލާފުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު ފިލްޒާގެ ލަފާއާ އެކު ދެ ފަނޑިޔާރުން ވަކިކުރުމަށް ކޮމިޓީން ތަޅުމަށް ފޮނުވައި، މިއަދު ވަނީ ވޯޓަށް އަހައިފަ އެވެ. ދެ ފަނޑިޔާރުން ވަކިކުރުމަށް ވަކިވަކިން ނެގި ވޯޓުގައި އެ ބޭފުޅުން ވަކިކުރަން ތަޅުމުން ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.