ދަތުރު
ދަތުރު

އިސްކޫލު ދައުރުއްސުރެ އަހަރުމެން ދެ މީހުން އުޅެނީ ރައްޓެހިވެގެންނެވެ. ކުޑައިރު އަހަރުމެންނަށް ކުރެވުނު މޮޔަކަންތަކުން ފެށިގެން ޒުވާންދައުރުގައި ކުރި ލާނެތްކަންތައް ވެސް ހިއްސާކުރީމެވެ. ލޯބީގެ ގުޅުން ދެމިއޮންނަނީ އެކަކުއަނެކަކަށް ދަސްވި މިންވަރެއްގެ މައްޗަށެވެ. ނާހިދު އަބަދުވެސް ބޭނުންވީ ޑޮކްޓަރަކަށް ވާށެވެ. އޭނަ ވީ ވެސް ޑޮކްޓަރަކަށެވެ. އަހަރެން މާސްޓާސް ހެދީ ކްރިއޭޓިވް އެޑްވަޓައިސިންގެ ދާއިރާއިންނެވެ. ދެ މީހުން ވެސް ކިޔެވީ މެލޭޝިޔާއިންނެވެ. ކިޔެވި ދުވަސްވަރު ވެސް އަހަރުމެން ވަގުތު ހޯދައިގެން ބައްދަލުކުރަމެވެ. އަހަރުމެންގެ އުމުރާއި އިސްކޮޅު ވެސް ދާދި އެއްވަރެކެވެ. މާލޭގައި ގެދޮރު ހުރެއެވެ. މިނިވަން ޚިޔާލަށް އަހަރުމެން ލޯބިކުރަމެވެ. އަހަންނަށް ފާހަގަކުރެވުނު ގޮތުގައި، ނާހިދަށް ވުރެ ރަނގަޅު މީހަކު އަހަންނަކަށް ނުލިބޭނެއެވެ. އޭނަހާ ވިސްނޭ، ހިތްހެޔޮ މީހަކު އަހަރެން ނުދެކެމެވެ. ކިޔަވައި ނިމިގެން މާލެއައިސް އަހަރުމެން ވަޒީފާއަށް ނުކުތީމެވެ. ދެ މީހުން ވެސް ވަނީ ސަރުކާރު ވަޒީފާއަށެވެ. މާ ރަނގަޅު މުސާރަލިބޭ ވަޒީފާތައް އަހަރުމެންނަށް ލިބެން އޮތެވެ. އަހަރުމެން ބޭނުންވީ ފައިސާ އެކަންޏެއް ނޫނެވެ. އުފާ ވެސް ބޭނުންވިއެވެ. އެކަކުއަނެކަކުގެ އުފަލާއި ހިތާމަތަކުގައި ބައިވެރިވާން ވަގުތު ހުސްކުރަން ވެސް ބޭނުންވިއެވެ.

ދެ ޢާއިލާގެ ގުޅުން ވަރަށް ބަދައްސެވެ. އެންމެން އެއްކޮށް ދަތުރުދަމެވެ. ރާއްޖެއިން ބޭރަށާއި ރިސޯޓަށް ވެސް ދަމެވެ. އެކުގައި ފިލްމު ބަލަން ދަމެވެ. ރެސްޓޯރަންޓަށް ދަމެވެ. ދެ ގޭގެ ސޯފާގައި ވެސް އަހަރުމެން ވަގުތު ހޭދަކުރީމެވެ. މިނިވަންކަމާއެކު ސަމާސާ ކުރީމެވެ. ނާހިދު ގާތުގައި ހުންނައިރު އަހަންނަށް އިހުސާސްކުރެވެނީ ރައްކާތެރިކަމެވެ. ބައެއް ރޭރޭ އަހަރުމެން ވަކިވަނީ ދަންވަރުއެވެ. ނުވަތަ ފަތިހުއެވެ. ހުރިހައި ކަމެއްގައި އަހަރުމެންގެ ޚިޔާލު އެއްގޮތެއް ނޫނެވެ. އެއީ މައްސަލައެއް ވެސް ނޫނެވެ. އަހަރުމެންގެ ވިސްނުން އެއްގޮތްވާ އެއް ކަމެއް އޮވެއެވެ. ފުރަތަމަ އަހަރުމެން އިސްކަންދެނީ އަހަރުމެންނަށެވެ. ވަގުތު ހޯދަނީ ވެސް އަހަރުމެންނަށެވެ. ވަޒީފާ އަންނާނީ އޭގެ ފަހަށެވެ.

ރައްޓެހިވެގެން އުޅޭތާ އެތައް އަހަރެއް ވީއިރު ވެސް ކައިވެނިކުރަން ޢާއިލާއިން ބާރެއްނާޅައެވެ. އެ ކަން އޮތީ އަހަރުމެންނަށް ދޫކޮށްލައިފައެވެ. ނާހިދުގެ ބައްޕައަކީ ވަރަށް މުއްސަނދި މީހެކެވެ. އަހަރެންގެ މަންމައަކީ، ސަރުކާރުގެ އެންމެ ނުފޫޒު ގަދަ މަޤާމު ފުރާ އަންހެނާއެވެ. އަހަރުމެން ކައިވެނިކުރީ އަހަރުމެން ބޭނުންވެގެންނެވެ. އެއްވެސް މަޖުބޫރުކަމެއް ނެތިއެވެ.

ކައިވެނީގެ ފުރަތަމަ ދެ މަސް ދިޔައީ ވަރަށް އުފަލުގައެވެ. އޮފީސް ނިންމައިފައި ގެއަށް އައިސް، ވަރަށް ގިނަ ވަގުތު އަހަރުމެން އެކުގައި ހޭދަކުރަމެވެ. އަހަރެން އުޅުނީ ނާހިދުގެ ގޭގައެވެ. ކޮންމެ ކަމަކަށް އެ ގޭގައި ނޯކަރުން ތިބެއެވެ. ކެއްކުމާއި، ކުނިކެހުމާއި، ފާޚާނާ ސާފުކުރުމާއި، ބާޒާރުކުރަން ވެސް ބިދޭސީން ތިބެއެވެ. އަހަރެން ބޭނުމިއްޔާ އަހަރެންގެ އަމިއްލަ ބަދިގޭގައި ބޭނުން އެއްޗެއް ހަދަންވީއެވެ. ގޭގެ ވަކި ކާކޮޓަރިއެއްގައި އެންމެނަށް ކެއުމާއިސައި ތައްޔާރުކޮށްފައި ހުރެއެވެ. އަހަންނާއި ނާހިދު އެއްވެސް ކަމެއް ނުކޮށް އެނދުގައި އޮށޯވެލައިގެން އެތައް އިރަކު ތިބެމެވެ. ފޫއްސެއް ނުވެއެވެ. ދައްކާނެ ވާހަކަ ހުހެއްނުވެއެވެ.

ތިންވަނަ މަހުގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ހޮސްޕިޓަލުގެ ޑިއުޓީ ނިންމައިފައި ނާހިދު ގެޔަކަށް ނައެވެ. ބައިގަޑިއިރުވުމުން އަހަރެން ފޯނުކުރީމެވެ. ޖަވާބެއް ނުދިނެވެ. މެސެޖަކަށް ވެސް ޖަވާބެއް ނުދިނެވެ. ހިތަށްއެރިއެވެ. އަހަރެން ހާސްވާންވީ ހެއްޔެވެ؟ އެންމެ ދުވަހަކު ގަޑިއަށް ގެއަށް ނައުމުން ބޮޑު މައްސަލައަކަށް ހަދައިލަންވީ ހެއްޔެވެ؟ ހަވީރު ފަހެއްޖަހާއިރު ގެއަށް އަންނަ މީހާ އެ ދުވަހު ގެއަށް އައީ ރޭގަނޑު އެގާރަޖެހިއިރުއެވެ. ގެއަށް އައިސްފައި ވެސް ލަސްވި ސަބަބެއް ނުބުނެއެވެ. އެ ކަމާ އަހަރެން ވަރަށް ހައިރާންވިއެވެ. ވީގޮތް އަހަންނާހަން އުޅެނިކޮށް ނާހިދު ސުވާލުކުރިއެވެ.

"ޖިޔާ!" ޓީވީ ބަލަން އިނދެފައި ނާހިދު ގޮވައިލިއެވެ. އަހަރެން ބަލައިލީމެވެ. "އާ ޔޫ އޯކޭ؟"

އަހަރެން ބޯޖަހައިލީމެވެ. އެހެންނަމަވެސް، އަހަރެން "އޯކޭއެއް" ނޫނެވެ. ދޮގުހަދަންވީ ކީއްކުރަން ހެއްޔެވެ؟

"ނޯ!" އަހަރެން ބުނީމެވެ. "ނާހިދު އޯކޭތަ؟ ހާދަ ލަހަކުންނޭ މިއަދު ތި އައީ. މަ ގުޅީމަ.."

"އާނ!" ވަރަށް ހަމަޖެހިލައިފައި ނާހިދު ބުންޏެވެ. "މީގެ ފަހުން ދެން ހޮސްޕިޓަލު ނިންމާފަ ދެ ކުލިނިކަށް ގޮއްސަ ގެއަށް އާދެވޭނީ. މި ދަނީ ޖައްސާލަން. ވަރަށް ޓަޔަޑް!"

އަހަންނަކަށް އެ ވާހަކަ ގަބޫލެއް ނުކުރެވުނެވެ. އިތުރު ދެ ކުލިނިކަށް ނާހިދު ދަނީ ކީއްކުރަން ހެއްޔެވެ؟ އެ ވަރުގެ ނިންމުމެއް ނާހިދު ނިންމީ އަހަރެން ގާތުގައި ބުނެ ވެސް ނުލައެވެ. ކީއްވެގެން ހެއްޔެވެ؟ ލިބޭ ފައިސާ މަދީ ހެއްޔެވެ؟ އަހަރެންދެކެ ފޫހިވީ ހެއްޔެވެ؟ އަހަރެން ގާތުގައި ބުނެލައިފައި ނޫނީ ނާހިދު ބޯކޮށާކަށް ނުދާނެއެވެ. އާ ގަމީހެއް ނުނަގާނެއެވެ. ވީއިރު އެހާ ބޮޑު ނިންމުމެއް ނިންމީ ކީއްވެގެން ހެއްޔެވެ؟ ދެވަނަ ރޭ ނާހިދު ގެއަށް އައީ ބާރަޖަހަން އުޅެނިކޮށެވެ. ފިރިމީހާ ގެއަށް ވަންނަ ވަގުތު ސުވާލުތައް އޮއްސާލާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު އެހެން ފުރުޞަތެއް ނުލިބެންޏާ އަހަރެން ކުރާނީ ކީއްހެއްޔެވެ؟

"ކުއްލިއަކަށް ކިހިނެއްތަ މި ވީ؟" އަހަރެން ސުވާލުކުރީމެވެ. "ތިހާ ބިޒީނުވިޔަސް އަހަރުމެންނަށް އުޅެވޭނެއްނު. މަ ވެސް މި އުޅެނީ ޖޮބުގަ. މަށަކަށް ނީނދެވޭނެ މި ވާހަކަ ނުދައްކައެއް. ނުވެސް ބުނެލާ ޓަސްލާފަ އިތުރު ދެ ޖޮބް.."

"އެއީ ދެން ވަރަށް ސިންޕަލްކަމެއްނު،" ސޯފާގައި އިށީނދެލަމުން ނާހިދު ބުންޏެވެ. "ގޭގެ ނޯވެއެއްނު މަ ކުރާނެ ކަމެއް. ޖިޔާ ބޭނުންވެއްޖެއްޔާ މަ ޓައިމް ހުސްކުރާނަމޭ! އޯކޭއެއްނު! މަށަށް އެނގޭ ޖިޔާ އަންޑަސްޓޭންޑްވާނެކަން. ޖިޔާ ވެސް ކޮންމެވެސް ކަމެއް ފަށަންވީނު. އިތުރު ޖޮބެއް ހޯދަމާ! ނޫނީ ނެތްތަ ގޭގަ އިނދެގެން ކުރާނެ ކަމެއް؟"

ނާހިދު ރަނގަޅަށް ބަދަލުވެއްޖެއެވެ. އޭނަ ކުރިން ދެއްކި ވާހަކަތައް ހަނދާންނެތިއްޖެއެވެ. ވަޒީފާއަށް އިސްކަންދޭން އަހަރުމެން ނިންމީ ދެވަނައަށެވެ. އެއްވަނައިގައި އޮތީ އަހަރުމެންނަށް ވަގުތު ހުސްކުރުމެވެ. ރައްޓެހިވެގެން އުޅުނުއިރު ވެސް ވަޒީފާއަދާކުރަމުން ވަގުތު ހޯދީމެވެ. ކައިވެނި ކުރުމަކުން އެ ކަން ބަދަލުވާކަށް ނުޖެހެއެވެ. ދުރުގައި ހުރިއިރު އެކުގައި އުޅެވިފައި، އެއް ގެއެއްގައި އުޅެން ފެށުމުން އަހަރެން އެކަނިވެރިވާކަށް ނުޖެހެއެވެ. ކިތަންމެ ވަރަކަށް ވެސް އެ ވާހަކަ ދެއްކީމެވެ. ދިރިއުޅުމަށް އައި ނުރަނގަޅު ބަދަލު ވިސްނޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އެކަމަކު އަހަންނަކަށް އެ ކަން ބަލައެއްނުގަނެވުނެވެ. ނާހިދުގެ ގަބޫލުކުރާ ގޮތުގައި، ރައްޓެހިވެގެން އުޅުނުއިރު އުޅޭ ގޮތަށް އިނދެގެނެއް ނޫޅެވޭނެއެވެ.

"އަހަރެންދެކެ ނާހިދު ފޫހިވަންޏާ އެ ވާހަކަ އެބަޖެހޭ ބުނަން،" އަހަރެން ބުނީމެވެ. "އެކްސްގިއުޒް ދައްކާނެކަމެއް ނެތް. އިތުރު ދެ ޖޮބްގަ އުޅޭނެކަމެއް ވެސް ނެތް. ނާހިދު ބޭނުމިއްޔާ ޑިވޯސް.."

"އަދި ތި ހިސާބަށް ދާކަށް ނުވެއެއްނު،" އަހަރެންގެ ވާހަކަ ނުނިމެނީސް ނާހިދު ބުންޏެވެ. "މަށަކީ ޑޮކްޓަރެއް. ވީހާ ވެސް ގިނަ ޕޭޝަންޓުންނަށް އެހީވުމަކީ މަގޭ ޒިންމާއެއް. އެ ކަމާ ޑިވޯސްއާ ކޮން ގުޅުމެއް؟ ކުރިން ވެސް ބުނިހެން، ކުޑައިރު އުޅުނު ގޮތަކަށް ބޮޑުވީމަކާ ނޫޅެވޭނެ. ރައްޓެހިވެގެން އުޅުނު ގޮތަކަށް އިނދެގެނެއް ނޫޅެވޭނެ. ޓީންއޭޖްގަ އުޅުނު ގޮތަކަށް މުސްކުޅިވީމައެއް ވެސް ނޫޅެވޭނެ. މި އަށް ކިޔަނީ ކޮމަންސެންސް. ކޮންއިރަކުން އަހަރުމެން ކިޑެއް ހޯދާނީ؟"

ދަރިއަކު ހޯދުމުން ދެން ވާނެ ގޮތެއް އަހަންނަކަށް ނޭނގެއެވެ. ފަހަރެއްގައި ނާހިދު ތަންކޮޅެއް ގިނަ ވަގުތު ގޭގައި އުޅެފާނެއެވެ. ފަހަރެއްގައި އެ ދަރިއަކީ ނާހިދުގެ ބޮލުގައިރިހުމަކަށް ވެސް ވެދާނެއެވެ. ކައިވެންޏަށް ގިނަ ދުވަސްވާއިރު ދަރިއަކު ނުލިބުމަކީ އަނެއް މައްސަލައެވެ. އެކުވެރިންގެ ސުވާލުތަކަށް ޖަވާބުދޭން ޖެހެއެވެ. މައިންބަފައިންގެ އުންމީދުތަކަށް އިޙުތިރާމުކުރަން ޖެހެއެވެ. ބޭނުންނޫނަސް ދަރިއަކު ހޯދަން މަޖުބޫރުވެއެވެ. އެހެންނަމަވެސް، އަހަރެންގެ ނަޒަރުގައި އަހަރުމެން އަދި ތައްޔާރެއް ނުވެއެވެ. ހީކުރި ވަރަކަށް ނާހިދު ދަހެއް ވެސް ނުވެއެވެ. ކައިވެންޏަށް ތިން އަހަރު ވަންދެން އެކިއެކި ބަހަނާ އަހަރެން ދެއްކީމެވެ. އަހަރެން ލޯބިވި ނާހިދު އެނބުރި އާދޭތޯ އިންތިޒާރުކުރީމެވެ. އެ ދުވަހެއް ނައެވެ. އަހަރެން ވަރުބަލިވިއެވެ. އިންތިޒާރު ފެނަށްވެގެން ލޮލުން އޮހޮރެން ފެށިއެވެ.

ހަޔާތަކީ މަންޒިލެއް ނޫނެވެ. ކުރަންޖެހޭ ދިގު ދަތުރަކަށް ކިޔާ ނަމެކެވެ. ކަނޑު މަޑު ދުވަސްތަކާއި ގަދަ ދުވަސްތައް ކުރިމަތިވާނެއެވެ. އެކަމަކު އެ ކަމަށް ބިރުން ކަނޑަށް ނުނިކުމެއެއް ނުވާނެއެވެ. ކައިވެނި ވެސް ކުރަންޖެހޭނެއެވެ. ދަރިއަކު ވެސް ހޯދަން ޖެހޭނެއެވެ. ކޮންމެހެން ބޭނުންވެގެނެއް ނޫނެވެ. މަންޒަރު ރީތިކުރުމަށްޓަކައެވެ. އަހަރެން ބަނޑުބޮޑުވިއެވެ. ނާހިދު ވަރަށް އުފާވިއެވެ. ޢާއިލާގެ މީހުންނާއި އެކުވެރިން އަހަންނަށް މަރުޙަބާކިއެވެ. ކުރަންވީ އުފާކަމެއް ނުވަތަ ހިތާމަކަމެއް އަހަންނަކަށް ނޭނގެއެވެ. ގަދަކަމުން ހިނިތުންވެލައިގެން ހުރީއެވެ. ހިތުގައި ޖެހެމުންދިޔައީ ބިރުވެރި ރަނގަބީލެކެވެ.

ލިބުނީ އަންހެންކުއްޖެކެވެ. އަހަރެން ބޭނުންވީ ވެސް އަންހެންކުއްޖެކެވެ. ވާނެ ގޮތް ބުނާކަށް ނޭނގޭނެއެވެ. އެހެންނަމަވެސް، އަޅައިގެން އުޅުނު މޫނުމަތި އަހަރެން އެއްލައިލީމެވެ. ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުން، ދެއްކުންތެރިކަމުގެ މަދަދު ހޯދާކަށް ނުޖެހުނެވެ. ދަރިފުޅުގެ ތުންފަތަށް ހިނިތުންވުން ވެރިވާ ކޮންމެ ފަހަރަކު މާތައް ފަރިވެ ފޮޅެއެވެ. އަމާންކަމާއި އުފާވެރިކަން ހިތަށް ވެރިވިއެވެ. ނާހިދުގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް ނައެވެ. ހެނދުނު ގެއިން ނުކުންނަ މީހާ ގެއަށް ވަންނަނީ ރޭގަނޑުއެވެ. ކުޑަމިނުން ދަރިފުޅު އުރާލާކަށް ވެސް ނާހިދަކަށް ވަގުތެއް ނެތެވެ. އަހަރެން އަޅައެއްނުލަމެވެ. ކުރެވޭނެ ކަމެއް ވެސް ނެތެވެ. ނާހިދަށް އަދަބުދިނީ ދަރިފުޅެވެ. ބައްޕަގެ އުނގަކީ ދަރިފުޅަށް ބީރައްޓެހި ތަނަކަށް ހަދައިގެންނެވެ. އެ އުނގުގައި ދަރިފުޅު ބާއްވާއިރަށް ރޯން ފަށައެވެ. ނާހިދަށް އެއީ މައްސަލައަކަށް ނުވެއެވެ. ސަބަބު އޭނައަށް އެނގެއެވެ.

"ނާހިދު އަޅެ ދެރައެއް ނުވޭތަ؟" ނާހިދުގެ މިޒާޖަށް ބަދަލެއް އާދޭތޯ އަހަރެން ބުނީމެވެ. "އޭނައަކަށް ނޭނގޭ އޭނަގެ ބައްޕައެއް."

އަހަރެން ބުނި އެއްޗަކުން ނާހިދުގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. ކުއްލި ސިހުމެއް ލިބުނު ކަހަލައެވެ.

"މީ.." އިނގިލިން އިޝާރާތްކޮށްލައިފައި ނާހިދު ބުންޏެވެ. "މީ އޭނަގެ ބައްޕަ."

ނާހިދު ދިޔަގޮތަށް ކޮޓަރިން ނުކުތެވެ. އަހަންނަށް ބުނެވުނު އެއްޗަކާއި ނާހިދު ކަންތައް ކުރި ގޮތް އަހަންނަކަށް ދިމައެއް ނުވިއެވެ. އެއީ، ވަރަށް ފުނުގައި ވަޅުލައި، ފަސް ބާރުކޮށްފައިވާ ސިއްރެކެވެ.

ނުނިމޭ