13 މެއި 2025 - 13:29

ސްރީ ލަންކާ ސަރުކާރުން ރާއްޖެއަށް ހައިވަކަރު ގަސް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އަލަށް ހަދަމުން އަންނަ ރޯޒްވުޑް ރަންފަރު ރިސޯޓުގައި 1.4 މިލިއަން ގަސް އިންދުމުގެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ ލަންކާއިން ރާއްޖެއަށް ހައިވަކަރު ގަސް ހަދިޔާކުރަން ނިންމާފައިވާކަން ހާމަކުރައްވައިފަ އެވެ.
ތޯރިގް ވިދާޅުވީ އަންނަ މަހު ފަހެއްގައި ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ލަންކާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ ހައިވަކަރު ގަސްތައް، މީހުން ދިރިއުޅޭ ކޮންމެ ރަށަކަށާއި ރިސޯޓަކަށް ހަދިޔާކުރާނެ ކަމަށެވެ.
އެ ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ހަރަކާތެއް ބާއްވާނެ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.
ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
އެ އަމާޒު ހާސިލްކުރުމަށް ރަށްރަށުގެ ކައުންސިލްތަކާއި ސްކޫލްތަކާއި ސަރުކާރު ކުންފުނިތަކުން އަދި އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މިނިސްޓްރީއާ އެކު އަހުދުގައި ސޮއިކުރަމުންނެވެ.
ހައިވަކަރު ގަހަކީ ދިވެހި ސަގާފަތާއި ދޯޅު ސަގާފަތުގެ މުހިންމު ބައެއްގެ ގޮތުގައި ވުޖޫދުވެފައިވާ ގަހެކެވެ. ދިވެހިންގެ އަތްތެރި މަސައްކަތުގެ އެންމެ ފުރިހަމަ ނިޝާން ފެންނަން އޮތީ މި ހައިވަކަރު ގަހުގެ ލަކުޑީގަ އެވެ. ދިވެހި ތާރީހުގައި މި ގަހުގެ ދައުރު ވަރަށް ބޮޑެވެ.