13 މެއި 2025 - 12:43

މާލެ އަތޮޅުގައި ހަދަމުން އަންނަ ރޯޒްވުޑް ރަންފަރު ރިސޯޓުގައި، މި ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން 1.4 މިލިއަން ގަސް އިންދަން ނިންމައިފި އެވެ.

ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ "ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމު" ރޯޒްވުޑް ރަންފަރު ރިސޯޓުގައި، މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު އިފްތިތާހުކޮށްދެއްވާފައިވާ ކަމަށެވެ.
ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
މިނިސްޓްރީން ބުނީ އަލަށް ހަދަމުން އަންނަ ރަންފަރު ރިސޯޓަށް ތޯރިގް ވަޑައިގަތީ އެ ރިސޯޓުން ދިން ދައުވަތަކަށް ކަމަށެވެ. އެ ދަތުރުގައި ރިސޯޓުގެ ފަރާތުން އެތަނުގައި 1.4 މިލިއަން ގަސް އިންދުމަށް އަހުދުކުރެވިފައިވާ ލިޔުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް ބޭއްވި ކަމަށާއި ގަސް އިންދުމުގެ ހަރަކާތް ވެސް އެ ރަސްމިއްޔާތުގައި ފެށި ކަމަށް މިނިސްޓްރީން ބުންޏެވެ.
ތޯރިގް ވިދާޅުވި ގޮތުގައި، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެކި ފަރާތްތަކުން، ޖުމްލަ 5.2 މިލިއަން ގަސް އިންދުމުގެ އަހުދު މިނިސްޓްރީއަށް މިހާތަނަށް ލިބިފައިވެ އެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީއެއް އެޅުމަށް ނިންމައި، ޑިޒައިންކުރުމުގެ މަރުހަލާ ވެސް މިހާރު ނިމިފައިވާ ކަމަށް ތޯރިގް ވިދާޅުވި އެވެ.
މިނިސްޓްރީން ބުނީ އެ ނާސަރީގައި ލެބޯޓެރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ގްރީންހައުސްއެއް ހުންނާނެ ކަމަށެވެ. އެ ނާސަރީގައި ރާއްޖޭގެ މާހައުލާ ގުޅޭ ގަސްތައް ހައްދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މާލެ އަތޮޅު ފަޅެއް ހިއްކައިގެން ހަދާ ރަންފަރު ރިސޯޓުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އެތަން ހުޅުވަނީ 2027 ވަނަ އަހަރު އެވެ.