ކާފޫރާއި ކާފޫރު ތޮޅި އަންދައިގެން ރޯގާގެ ވައިރަސް މަރުވާނެތަ؟
ކާފޫރާއި ކާފޫރު ތޮޅި އަންދައިގެން ރޯގާގެ ވައިރަސް މަރުވާނެތަ؟

ރާއްޖޭގެ އެކި ހިސާބުތަކުގައި ހުމާއި އަރިދަފުސް ރޯގާ އާންމުވެފައި ވާއިރު ބައެއް މީހުން އެޗް1އެން1 އަށް ވެސް ޕޮޒިޓިވަމުން އަންނަކަން އެނގުމާ އެކު އެންމެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފެށި އެވެ. ބައްޔާ ބެހޭ ގޮތުން އެކި މީހުން އެކި ވާހަކަ ދައްކަމުން ދިޔައިރު ސޯޝަލް މީޑިއާ އާއި ވައިބަ ގްރޫޕްތަކުގައި ދައުރުވި އެކައްޗަކީ، ގޭތެރޭގައި ކާފޫރާއި ކާފޫރުތޮޅި އެންދުމުން، ގޭތެރޭގައި އުޅޭ އެޗް1އެން1 ވައިރަސް މަރުވާނެ ކަމަށް ބުނާ މެސެޖެކެވެ. ބައެއް މީހުން މިކަން ނުކުރާ ކަމެއް ވެސް ނޭނގެ އެވެ.

ކާފޫރާއި ކާފޫރު ތޮޅި އަންދައިގެން ރޯގާގެ ވައިރަސް މަރުވާނެތަ؟
ކާފޫރާއި ކާފޫރު ތޮޅި އަންދައިގެން ރޯގާގެ ވައިރަސް މަރުވާނެތަ؟

ކާފޫރާއި ކާފޫރުތޮޅީގެ ވާހަކައާ މެދު އުފެދުނު ސުވާލަށް ޖަވާބު ހޯދަން އުޅެނިކޮށް ފެނުނީ މިކަހަލަ މައުލޫއަކަށް ވެބްއެމްޑީގައި، ސިއްހީ ތަޖުރިބާކާރުންގެ ވާހަކަތަކާ އެކު ލިޔެފައިވާ ލިޔުމެކެވެ. މިއީ އެ ލިޔުމުގެ ޚުލާސާއެކެވެ. ކާފޫރާއި ކާފޫރު ތޮޅިން ދުން އެޅުމުގެ ސުވާލަށް ސީދާ ޖަވާބެއް ނެތަސް މިއީ މުހިންމު ވާހަކަތަކެކެވެ.

ރޯގާ އާންމުވާ ދުވަސްވަރު ދޮރުތަކުގެ ތަޅުތަކާއި އަތްގަނޑާއި ކޮމްޕިއުޓަރުގެ ކީބޯޑާއި ފޯނު ފަދަ ތަކެތީގައި ރޯގާގެ ޖަރާސީމު ހަރުލާފައި ހުންނަ ކަމަށާއި އެ ޖަރާސީމުތައް މަރަންޖެހޭނެ ކަމަށް ބުނާ އަޑު އިވެ އެވެ. މި ބުނި އެއްޗެހި ސާފުކޮށް، ޖަރާސީމު މެރުމަށް ބޭނުންކުރާ އެކި ފާޑުގެ އެއްޗެހިން ސާފުކުރެ އެވެ. އެކަމަކު މިއީ ބޭނުމެއް އޮތް ކަމެއްހެއްޔެވެ؟

"ހަގީގަތަށް ބުނާ ނަމަ ބުނަން ޖެހެނީ ރޯގާއިން ސަލާމަތްވުމަށް، ގޭތެރޭގައި ހުންނަ އެއްޗިއްސަށް، ޖަރާސީމު މަރާ ޑިސްއިންފެކްޓަންޓް ސްޕްރޭ ކުރުމުން ފައިދާއެއް ކުރާ ކަމުގެ ހެއްކެއް ނެތޭ،" ޔުނިވަސިޓީ އޮފް ރޮޗެސްޓާ މެޑިކަލް ސެންޓަރުގެ އެސިސްޓެންޓް ޕްރޮފެސަރު ކްރިސްޓީން ހޭ ވިދާޅުވި އެވެ.

އެކަމަކު އެއީ ކީއްވެެހެއްޔެވެ؟

"ހަށިގަނޑުން ބޭރުގައި ނަމަ ރޯގާގެ ވައިރަހަކީ ވަރަށް ވެސް ނިކަމެތި އެއްޗެއް،" ހޭ ޖަވާބު ދެއްވި އެވެ.

ރޯގާއާ ބެހޭ އެހެން ބައެއް ތަޖުރިބާކާރުން ވެސް މި ވާހަކައަށް އެއްބަސްވެ ވަޑައިގަންނަވަ އެވެ.

"ލެޕްޓޮޕާއި ދޮރުގެ އަތްގަނޑު ފަދަ ތަންތަނުން ކޮންމެވެސް ވަރަކަށް ރޯގާ ފެތުރިދާނެ. އެކަމަކު އެއީ ވަރަށް ކުޑަ ފުރުސަތެއް،" ވެންޑަބިލްޓް ޔުނިވަސިޓީގެ ސްކޫލް އޮފް މެޑިސިންގެ ޑިޕާޓްމަންޓް އޮފް ޕްރިވެންޓިވް މެޑިސިންގެ ޗެއާމަން ވިދާޅުވި އެވެ.

އެކަމަކު ރޯގާގެ ވައިރަހުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. ގެޔާއި އޮފީހުން ވައިރަސް ނައްތާލަން މަސައްކަތްކުރުމަކީ އެހާ ބޭނުންތެރި ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ވިދާޅުވިޔަސް، ކުޑަ ނަމަވެސް ނުރަކަލެއް އެބަ އޮތެވެ. ސާފުކުރަން ބޭނުންވާ ނަމަ ސާފުކުރަން އެންމެ މުހިންމު ތަންތަނަކީ؛ ދޮރުގެ އަތްގަނޑު، ޑެސްކް، މޭޒު، ފެން އިސްކުރު، ކޮމްޕިއުޓަރު ކީބޯޑައި މައުސް، ރިމޯޓް ކޮންޓްރޯލް، ވީޑިއޯ ގޭމް ކޮންޓްރޯލާ، ލިފްޓުގެ ފިތްތައް އަދި ކުޅޭ އެއްޗެހި.

ރޯގާގެ ވައިރަހަކީ އިންސާނެއްގެ ހަށިގަނޑުގައި އުޅޭއިރު ވަރުގަދަ އެއްޗަކަށް ވިޔަސް ހަށިގަނޑުން ބޭރުގައި ނަމަ އެއީ ނިކަމެތި "ކަންނެތް" އެއްޗެކެވެ. ރޯގާގެ ވައިރަހަކީ އޭގެ ތަބީއަތުގައި ވެސް، އޭގެ ހަގީގީ މާހައުލު ނޫން ތަނެއްގައި ގަދަވެނަގެވޭ އެއްޗެއް ނޫނެވެ.

ރޯގާގެ ވައިރަހަކީ ގެސްޓްރޮއިންޓެސްޓައިނަލް ވައިރަސް ނުވަތަ ބަނޑާއި ގޮހޮރުގެ ބައެއް ވައިރަސްތައް ފަދައިން، ބްލީޗް ޖަހައިގެން ދޮވުނު ކަމުގައި ވިޔަސް އެތައް މަސް ދުވަހެއް ވަންދެން އެކި ތަންތަނުގައި ސަލާމަތުން ދެމިތިބެވޭ އެއްޗެއް ނޫނެވެ.

ހަށިގަނޑުން ބޭރުގައި އެކި ސާފަސްތަކުގައި ރޯގާގެ ވައިރަހަށް ދިރި ހުރެވޭނީ ކިހާ އިރަކުތޯ ބެލުމަށް ކޮށްފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި، އެއީ މަދު މިނެޓްކޮޅަކާއި 24 ގަޑިއިރާ ދެމެދު ވަގުތެވެ. ވައިރަހަށް ސަލާމަތުން އުޅެވޭ ވަގުތު ބިނާވަނީ ވައިރަސް ހަރުލާފައިވާ ސާފަސްގެ ބާވަތަށެވެ. ހަރު ތަނެއްގައި ނަމަ ގިނައިރު ހުރެ އެވެ.

ވައިރަސް 24 ގަޑިއިރު ދިރިހުރުމަކީ ވެދާނެ ކަމެއްގެ ގޮތުގައި ބުނާއިރު މިއީ ވަރަށް ގިނަ ވަގުތު ކަމަށް ހީވެދާނެ އެވެ. އެކަމަކު ތަޖުރިބާކާރުން ވިދާޅުވަނީ ބިރުގަންނަން ނުޖެހޭ ކަމަށެވެ.

"އަޅުގަނޑު އެ މައުލޫމާތުތައް ބެލިން. އެކި ސާފަސްތަކުން ރޯގާގެ ވައިރަސް ފެތުރޭ ކަމަށް ބުނާ ވާހަކައަކަށް ރަނގަޅު ހެއްކެއް ނެތް،" ޖޯންސް ހޮޕްކިންސް މެޑިކަލް ސްކޫލްގެ އެސިސްޓެންޓް ޕްރޮފެސަރު އޮފް މެޑިސިން ރީޝް އެމް. ޕާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރޯގާގެ ވައިރަސް ވާސިލުވާ ކަމަށް ފެންނަނީ ބަލިވެފައި ހުންނަ މީހާގެ ހަށިގަނޑުން އެހެން މީހަކަށް ސީދާ ގޮތެއްގައި ކަމަށެވެ.

ރޯގާގެ ވައިރަހާ ދުރުވާން ބޭނުން ނަމަ ކުރަން އެންމެ ރަނގަޅު ކަމަކީ އަތް ސާފުކޮށް ދޮވެފައި ބެހެއްޓުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

"އަނގަ ނިވާކުރުމާއި އަތް ދޮވުމަކީ ރޯގާގެ ވައިރަހުން ސަލާމަތްވާން ކުރަން އެންމެ ރަނގަޅު ދެ ކަންތައް،" ޕާލް ވިދާޅުވި އެވެ.

އަތް ދޮންނާނީ ކޮން އެއްޗަކުން ހެއްޔެވެ؟ އެންޓިބެކްޓީރިއަލް ސައިބޯނި ވަރަށް ރަނގަޅެވެ. ރޯގާ ޖައްސަނީ ވައިރަހަކުންނެވެ. ބެކްޓީރިއާއަކުން ނޫނެވެ. އެހެންވެ ކޮންމެ ސައިބޯންޏެއް ވެސް ރަނގަޅުވާނެ އެވެ. އަވަސް އަވަހަށް، ރަނގަޅަށް އަތް ދޮންނާށެވެ. އަތް ދޮންނަ ކޮންމެ ފަހަރަކު 15-20 ސިކުންތު ވަންދެން ދޮންނަން އެމެރިކާގެ ސެންޓާސް ފޮ ޑިޒީޒް ކޮންޓްރޯލް އިން ލަފާދެ އެވެ.