18 މާޗް 2017 - 07:35

ފެންވަރަށް ބާތު ޓަބުގައި އޮވެ، ޗާޖަށް ޖަހާފައިވާ އައިފޯނެއް ބޭނުންކުރަމުން ދަނިކޮށް ކަރަންޓުގައި ޖެހި އިނގިރޭސި ވިލާތުގައި މީހަކު މަރުވެއްޖެ އެވެ.
ރިޗަޑް ބުލް ނަމަކަށް ކިޔާ މި މީހާގެ މަރު ސާބިތުކުރި ރިޕޯޓްގައި ބުނެފައި ވަނީ އޭނާ ކަރަންޓުގައި ޖެހުނީ ޗާޖަރަށް ފެނުގެ އަސަރުކޮށް ކަރަންޓު އައިސްގެން ކަމަށެވެ. މިކަން ހިނގީ އެކްސިޑެންޓަކުން ކަމަށާއި މިގޮތަށް ކަރަންޓުގައި ޖެހުމުގެ ހާދިސާއެއް ތަކުރާރު ވިޔަ ނުދިނުމަށް، އައިފޯނު އުފައްދާ އެޕަލް ކުންފުންޏާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
"ދަ ސަން" އިން ބުނި ގޮތުގައި ބުލް އޭނާގެ ފޯނު ޗާޖުކުރުމަށް އެކްޓެންޝަން ވާގަނޑަކަށް ޗާޖަރު ގުޅުމަށް ފަހު ޓަބުގައި އޮށޯވެގެން އޮތް އިރު ފޯނު ބާއްވާފައި އޮތީ މޭމަތީގަ އެވެ. ޗާޖަރުން ކަރަންޓު އައުމުގެ ސަބަބުން ބުލްގެ މޭމައްޗާއި އަތާއި އަތްތިލަ ވަނީ ވަރަށް ބޮޑަށް ފިހިފައި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
އާންމު ރައްކާތެރިކަމަށް ހޭލުންތެރިކުރުވަން މަސައްކަތްކުރާ ޖަމާއަތްތަކުން މި ހާދިސާއަށް ފަހު ވަނީ، ފެނާ ކައިރި ތަންތަނުގައި ފޯނު ޗާޖު ނުކުރުމަށް ލަފާ ދީފަ އެވެ. ޗެރިޓީ އިލެކްޓްރިކަލް ސޭފްޓީ ފަސްޓް އިން ބުނީ ފޯނެއް ނުވަތަ ލެޕްޓޮޕެއް ޗާޖުކުރަމުންދާ ވަގުތުގައި ނޫނީ އެއިން މީހެއްގެ ގަޔަށް ކަރަންޓު ނާންނާނެ ކަމަށެވެ. އަދި މިފަދަ އާލާތްތަކަށް ބޭނުންވަނީ 5-20 ވޯލްޓްގެ ކަރަންޓު ކަމަށާއި ފެނުގައި ޖެހުނަސް މިވަރުން ކަރަންޓުގެ އިހްސާސް ނުވުން އެކަށީގެންވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
ނަމަވެސް ކަރަންޓާ ގުޅާ ވާގަނޑު ނުވަތަ ސޮކެޓު ވެސް ފެން ހުންނަ ތަނެއްގައި ބޭނުންކުރާ ނަމަ ކަރަންޓުގައި ޖެހުމުގެ ނުރައްކާ އެތައް ގުނައަކަށް އިތުރުވެގެން ދާނެކަން ވަނީ ފާހަގަކޮށްފަ އެވެ.