ހައްޖުވެރިންގެ ޑެބިޓް ކާޑް ލިމިޓް 2،000 ޑޮލަރަށް ބޮޑުކޮށްދެނީ
ހައްޖުވެރިންގެ ޑެބިޓް ކާޑް ލިމިޓް 2،000 ޑޮލަރަށް ބޮޑުކޮށްދެނީ

މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 2،000 ޑޮލަރަށް ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލްގައި އެދިވަޑައިގެންފި އެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިއަހަރު ހައްޖަށް ދާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ހައްޖު ވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1،750 އެމެރިކާ ޑޮލަރު ހަމަޖައްސައި ދިނުމަށް ބޭންކްގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

ބީއެމްއެލް އިން މިހާރު ދޫކޮށްފައިވާ ޑޮލަރު ލިމިޓަކީ 250 ޑޮލަރެވެ. އެހެންވެ، އިތުރު 1،750 ޑޮލަރު އިތުރު ކުރުމުން ޑެބިޓް ކާޑުގެ ލިމިޓް 2،000 ޑޮލަރަށް ބޮޑުވާނެ އެވެ.

މީގެ ކުރިން ބީއެމްއެލް އިން ރޯދަ މަހާއި ޝައްވާލުމަހުގެ އުމްރާގެ އަޅުކަމަށް ދިޔަ ފަރާތްތަކުގެ ޑެބިޓް ކާޑު ލިމިޓު 1،500 ޑޮލަރަށް ބޮޑުކޮށްފައިވެ އެވެ. އެ އަދަދުގެ އިތުރުން އާންމު އުސޫލުން ލިބެމުންދިޔަ 250 ޑޮލަރު ލިމިޓު ވެސް އޭރު ވެސް ބޭނުން ކުރެވުނެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދާން 1،000 ކޯޓާ ވަނީ ސައުދީ އަރަބިއާއިން ހަމަޖައްސައިދީފަ އެވެ.