12 މެއި 2025 - 13:45

ޓްރީޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވަމުންދާ ހެލްތު ކޭމްޕް، ދ. ކުޑަހުވަދޫގައި ވެސް ބާއްވަން ނިންމައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ކޭމްޕަކީ ކުޑަހުވަދޫ އާއި ކައިރި ރަށްތަކާއި ރިސޯޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބާއްވާ ކޭމްޕެއް ކަމަށެވެ.
އެ ހެލްތް ކޭމްޕްގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވާ ކޮންސަލްޓަންޓް ޑޮކްޓަރުން:
- ޑރ. ޒާކިޔާ އަހްމަދު - އަންހެނުންގެ ބަލިތަކާއި ދަރިމައިވުމުގެ ބަލިތަކުގެ ކޮންސަލްޓަންޓް
- ޑރ. އަލީ މުޒްނީ - ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
- ޑރ. މެގްނަސް އޮލޮފް އޮޑްކްވިސްޓް - ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
- ޑރ. ޗަންދްރަޝޭކަރު ރަވާލް - ކަރުން މަތީގެ ބަލިތަކުގެ ކޮންސަލްޓަންޓް
- ޑރ. މެހްމެޓް އޮޑަރ - ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ކޮންސަލްޓަންޓް
- ޑރ. އަނޫ އަގްރަވާލް - ހަމުގެ ބަލިތަކުގެ ކޮންސަލްޓަންޓް
- ޑރ. އަރްޗަނާ ޝަރްމާ - ލޮލުގެ ބަލިތަކުގެ ކޮންސަލްޓަންޓް
- ޑރ. އުކްތަމް އަބްދުއްލައެވް - ޖެނެރަލް ސާޖަން
އެ ހޮސްޕިޓަލުން ބުނީ އެއީ މިއަހަރުގެ ފުރަތަމަ ހެލްތު ކޭމްޕް ކަމަށެވެ. އަދި މިދިޔަ އަހަރު ވެސް އެ ހޮސްޕިޓަލުން ވަނީ ގއ. ވިލިނގިލީގެ އިތުރުން ގދ. ތިނަދޫ އަދި ލ. ގަމުގައި ހެލްތް ކޭމްޕެއް ބާއްވައިފަ އެވެ. އެ ކޭމްޕްތަކުގައި 1،500 އަށްވުރެ ގިނަ މީހުން ސިއްޙީ ހިދުމަތް ހޯދާފަައިވެ އެވެ.
އެ ކޭމްޕްގައި ހިލޭ ޑޮކްޓަރަށް ދެއްކުމުގެ އިތުރުން، ދ. އަތޮޅު ހޮސްޕިޓަލުގެ ނަރުހުންނަށް ޓްރެއިނިންގް ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަންހެނުންގެ ބަލިތަކާއި ދަރިމައިވުމާ ބެހޭ މައުލޫމާތު ސެޝަނެއް ޑރ. ޒާކިޔާ އަހްމަދު ކުރިޔަށް ގެންދާނެ އެވެ.
އެ ހެލްތް ކޭމްޕްތަކަކީ ޓްރީޓޮޕް ހޮސްޕިޓަލުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ އެފަދަ ހެލްތް ކޭމްޕްތައް ބޭއްވުމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މަގްސަދަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ޓްރީޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭނެގޮތް ހަމަޖެއްސުން. މި ކޭމްޕްތަކުގެ ސަބަބުން އެ މަގްސަދު ހާސިލުކުރުމަށް އިތުރު ފިޔަވަޅެއް އެޅިގެންދާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން." އޭނާ ވިދާޅުވި އެވެ.
ކޭމްޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ދ. އަތޮޅު ހޮސްޕިޓަލުގެ ނަންބަރު 6760087 އަށް ގުޅައިގެން ނަން ނޯޓުކުރެވޭނެ ކަމަށް ޓްރީޓޮޕުން ބުންޏެވެ.