17 މާޗް 2017 - 19:04

ނިޔޯން، ސްވިޒަލެންޑް (މާޗް 17) – ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމްގެ އެންޑަލެކްޓާ އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑް ވާދަކުރަން ޖެހިއްޖެ އެވެ.
ޔޫރަޕުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ޔުނައިޓެޑަކީ މި ފަހަރުގެ މުބާރާތުގެ ފޭވަރިޓެވެ. ބެލްޖިއަމުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ އެންޑަލެކްޓް ވަނީ މި މުބާރާތް 1983 ވަނަ އަހަރު ކާމިޔާބުކޮށްފަ އެެވެ. އަދި ޔުއެފާ ކަޕްވިނާސް ކަޕާއި ސުޕަ ކަޕް ވަނީ ދެ ފަހަރު ވަނީ އުފުލާލައިފަ އެވެ.
މި ދެ ޓީމު ޔޫރަޕުގައި ވާދަކުރި ފުރަތަމަ މެޗުން 10-0 އިން ޔުނައިޓެޑް މޮޅުވެ ވަނީ ކްލަބުގެ ރެކޯޑެއް ގާއިމްކޮށްފަ އެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ ޗެމްޕިއަންސް ލީގުގައި 2001 ވަނަ އަހަރެވެ. އެންޑީ ކޯލްގެ ހެޓްރިކާ އެކު ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމު 5-1 އިން ކާމިޔާބުކުރި އެވެ. އެކަމަކު އެންޑަލެކްޓް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން މޮޅުވެފަ އެވެ.
ކުއާޓާ ފައިނަލުން ޔުނައިޓެޑް ޖާގަ ހޯދީ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުން ރޭ ރަޝިއާގެ އެފްސީ ރޮސްޓޯވް 1-0 އިން ބަލިކޮށް ދެ ލެގުގެ އެގްރިގޭޓުން 2-1 އިން ކުރި ހޯދައިގެންނެވެ. އެންޑަލެކްޓް ފުރުސަތު ހޯދީ ސައިޕްރަސްގެ އެޕޮއެލް އަތުން މޮޅުވެގެންނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ދެން އޮންނާނީ ސްޕެއިނުގެ ސެލްޓާ ވީގޯ އާއި ބެލްޖިއަމުގެ ޖެންކުގެ މެޗާއި ނެދަލެންޑްސްގެ އަޔަކްސް އާއި ޖަރުމަނުގެ ޝާލްކާގެ މެޗު އަދި ފްރާންސުގެ ލިޔޯން އާއި ތުރުކީގެ ބެސިކްޓަސްގެ މެޗެވެ.