14 ޖޫން 2016 - 13:02

މާލޭގެ ނޫރު މިސްކިތް ކައިރީ ރޭ ހިންގި މާރާމާރީގައި ޒަހަމްވި މީހާ އަށް ލިބިފައި ވަނީ ސީރިއަސް ޒަހަމްތަކެއް ކަމަށާއި ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގައި އުމުރުން 21 އަހަރުގެ ޒުވާނެއްގެ އަތަށާއި އޭނާގެ ބޮލުގެ ދެ ތަނަކަށް ވަނީ ހަމަލާދީފަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި އުމުރުން 16 އަހަރާއި 17 އަހަރުގެ ކުއްޖެއްގެ އިތުރުން 18 އަހަރުގެ މީހެއް ވަނީ ހައްޔަރުކޮށްފަ އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އަނިޔާ ލިބުނު މީހާއަށް ލިބިފައިވާ ސީރިއަސް ޒަހަމްތަކަށް ޑޮކްޓަރުން ފަރުވާ ދެމުން އަންނަ ކަމަށާއި ނަަމަވެސް ފުރާނައަށް ގެއްލުން ލިބޭ ހާލަތަކަށް ނުދާ ކަމަށެވެ.
މާލޭގައި މާރާމާރީ އަނެއްކާވެސް އިތުރުވެފައިވާއިރު، މި މަހުގެ ފުރަތަމަކޮޅު ވެސް ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އުމުރުން 14 އަހަރުގެ ދެ ކުއްޖަކު މަރުވެފައި ވެ އެވެ.