ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާތީ އިޒްރޭލުން އިންޒާރު ދީފި
ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާތީ އިޒްރޭލުން އިންޒާރު ދީފި

ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބުނާ ގައުމުތަކުން ގިނަވާން ފެށުމާ އެކު، އެފަދަ ނިންމުންތަކާ ގުޅިގެން އިޒްރޭލުން ވެސް އަމިއްލައަށް ގޮތް ނިންމައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރް ދީފި އެވެ.

"ފަލަސްތީނުގެ ދައުލަތް ވަކިވަކި ގައުމުތަކުން އަމިއްލަ ގޮތުން ބަލައިގަތުމާ ގުޅޭ ވާހަކަތައް އެބަ ދެކެވޭ ... އެ ގައުމުތަކަށް ފެންނަ ފެނުމަކަށް އެކަން އެގޮތަށް ނިންމާ ނަމަ ދޭދޭ ގުޅުންތަކަށް މުސްތަގުބަލުގައި ބުރޫއަރާނެ. އަދި އެ ކަންކަމާ ގުޅިގެން އިޒްރޭލުން ވެސް އަމިއްލަ ނިންމުންތަކެއް ނިންމަން ޖެހިދާނެ،" ޖަރުމަނުގެ ފޮރިން މިިނިސްޓަރު ޔޮހާން ވަޑެފުލްއާ އެކު ގުދުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސާރް ބުންޏެވެ.

މި ޕްރެސް ކޮންފަރެންސްގައި ވަޑެފުލް ވަނީ ދެ ދައުލަތުގެ ހައްލަކީ އިޒްރޭލާއި ފަލަސްތީނަށް ސުލްޔަކާއި އަމާންކަމާއި އަމާންކަމުގައި އުޅެވެން އޮތް އެންމެ ރަނގަޅު ފުރުސަތު ކަމަށް ފާހަގަކޮށްފަ އެވެ. އެކަމަކު އޭނާ ވަނީ ގާނޫނާ ހިލާފަށް ޔަހޫދީން އާބާދުކުރުމުގެ ސަބަބުން އަދި ގައުމުތަކުން "އަވަސްއަރުވާލައިގެން" ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުން ފަދަ ކަމަކުން މިކަމަށް ހުރަސްއެޅިގެން ނުވާނެ ކަމަށް ބުނެފަ އެވެ.

މިދިޔަ މަހު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވަނީ ޖޫން މަހުގެ ކުރީކޮޅު ފަލަސްތީނުގެ ދައުލަތެއް ބަލައިގަންނަން ފްރާންސުން މަސައްކަތް ކުރާނެކަން ނިއު ޔޯކްގައި ބޭއްވި އދ.ގެ ކޮންފަރެންސެއްގައި އިއުލާން ކުރައްވައިފަ އެވެ.

މިހާރުވެސް ގާތްގަނޑަކަށް 150 ގައުމަކުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރެ އެވެ.

މިދިޔަ އަހަރުގެ މެއި މަހު އަޔަލެންޑާއި ނޯވޭ އަދި ސްޕެއިންއިން ފަލަސްތީނުގެ ދައުލަތް ބަލައިގެންފައި ވާއިރު ސްލޮވޭނިއާ އިން ވަނީ ޖޫން މަހު ފަލަސްތީނުގެ ދައުލަތް ބަލައިގެންފަ އެވެ.