އިންޑިއާ-ޕާކިސްތާނު ހަމަލާތައް ހުއްޓާލުމުން ރާއްޖެއިން މަރުހަބާ ކިޔައިފި
އިންޑިއާ-ޕާކިސްތާނު ހަމަލާތައް ހުއްޓާލުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

އިންޑިއާ އާއި ޕާކިސްތާނުން ބަދަލުކުރަމުންދިޔަ ހަމަލާތައް ހުއްޓާލުމުން ރާއްޖެއިން މިރޭ މަރުހަބާ ކިޔައިފި އެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ އިންޑިއާ އާއި ޕާކިސްތާނުން ދެމުންދިޔަ ހަމަލާތައް ހުއްޓާލައި ސުލްހަ އާއި މަޝްވަރާގެ މަގު އިހުތިޔާރުކޮށް، ސަރަހައްދީ ހަމަޖެހުމަށްޓަކައި ފިޔަވަޅު އެޅުމުން އެ ދެ ގައުމުގެ ލީޑަޝިޕަށް ތައުރީފު ކުރައްވައިފަ އެވެ.

އެ ހަމަލާތައް ފެށިފައިވަނީ ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޑިން ހަމަލާދީ އާންމުންގެ ބަޔަކު މިދިޔަ މަހުގެ ފަހުކޮޅު މަރާލި ހާދިސާގެ ޒިންމާ ޕާކިސްތާނުން ނަގަންޖެހޭނެ ކަމަށް ބުނެ އިންޑިއާއިން އިސްވެ ޕާކިސްތާނާއި ކަޝްމީރަށް ހަމަލާ ދޭން ފެށުމުންނެވެ. އެއީ ޓެރަރިސްޓުންގެ މަރުކަޒުތަކަށް ދިން ހަމަލާތަކެއް ކަމަށް އިންޑިއާއިން ބުނި ނަމަވެސް ޕާކިސްތާނުން ބުނަމުންދަނީ ހަމަލާތަކުގައި މަރުވީ ކުށެއް ނެތް އާންމުން ކަމަށެވެ.

އެހެންވެ، އެކަމުގެ ބަދަލު ހިފާނީ އިންޑިއާގެ އަސްކަރީ މަގާމުތަކަށް ހަމަލާދީގެން ކަމަށް ބުނެފައި ވަނިކޮށް ޕާކިސްތާނުގެ ވައިގެ ސިފައިންގެ ތިން މަރުކަޒަކަށް އިންޑިއާއިން ރޭ ވަނީ ހަމަލާދީފަ އެވެ. އޭގެ ތެރެއިން އެއް ހަމަލާ، ވެރިރަށް އިސްލާމްއާބާދީއާ އެންމެ ދިހަ ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ރާވަލްޕިންޑީގެ މަރުކަޒަކަށް ވެސް ދިނެވެ.

އެ ދެ ގައުމުން އެއްގަމާއި ވައިގެ އަދި ކަނޑުމަގުން ދެމުންދިޔަ ހަމަލާތައް ހުއްޓާލިކަން މިއަދު ފުރަތަމަ އިއުލާން ކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ނަމަވެސް، އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީން ބުނީ އެއީ އިންޑިއާ އާއި ޕާކިސްތާނުން ސީދާ ގޮތެއްގައި ކުރި މަޝްވަރާތަކުގެ ނަތީޖާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު އިންޑިއާއިން ހަމަލާދޭން ފެށުމާ އެކު މަސްރަހު ހޫނުވެ ރައްދު ދޭން ފެށިފަހުން މިހާތަނަށް ދެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 60 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.