އަންޗެލޮޓީގެ ތައުރީފު އަލޮންސޯ އަށް؛ އެންމެ މޮޅު ކޯޗުންގެ ލިސްޓްގައި ހިމެނޭނެ
އަންޗެލޮޓީގެ ތައުރީފު އަލޮންސޯ އަށް؛ އެންމެ މޮޅު ކޯޗުންގެ ލިސްޓްގައި ހިމެނޭނެ

މި ސީޒަނަށް ފަހު ރެއާލް މެޑްރިޑްގެ ކޯޗު ކަމާ ހަވާލުވާނެ ކަމަށް ބެލެވޭ، ޒަބީ އަލޮންސޯ އަށް އެ ޓީމުގެ މިހާރުގެ ކޯޗު ކާލޯ އަންޗެލޮޓީ ތައުރީފު ކޮށްފި އެވެ.

ބެޔާ ލެވަކޫސަންގެ ކޯޗު ޒަބީ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލާނެ އެވެ. މި މަހު 18 ގައި ބުންޑެސްލީގަ ނިމުމުން ލެވަކޫސަންގައި އޭނާގެ މަސައްކަތް ނިމޭނެ ކަމަށް ހުކުރު ދުވަހު ޒަބީ ބުންޏެވެ.

އެކަމަކު އޭނާގެ ކުރިމަގާ ބެހޭގޮތުން ސުވާލު ކުރުމުން އެ ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވި އެވެ.

މި ސީޒަނަށް ފަހު އަންޗެލޮޓީ ރެއާލް ދޫކޮށްލާނެކަން ގާތްގަނޑަކަށް ވަނީ ޔަގީން ވެފަ އެވެ. ބްރެޒިލްގެ ގައުމީ ޓީމާ އޭނާ ހަވާލުވާން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ.

އާދިއްތަ ދުވަހު ކުޅޭ އެލް ކްލެސިކޯ މެޗަށް ނުކުތުމުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސްގައި އަންޗެލޮޓީ ބުނީ ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ލިސްޓަށް ވަނުމުގެ ފެންވަރު އަލޮންސޯގެ ކިބައިގައި އެބަ ހުރި ކަމަށެވެ.

"އޭނާ ލެވަކޫސަން ދޫކޮށްލަން އިއުލާން ކުރި ޚަބަރު އަހަރެން ކީން. އެއީ އޭނާ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައި އޮތް ކްލަބެއް. އޭނާ އަށް ހުރިހާ ފުރުސަތެއް ވެސް އެބައޮތް. ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނުމަށް،" ރެއާލް އާއި ބެޔާން މިޔުނިކުގެ އޭނާގެ ބެލުމުގެދަށުން ކުޅުނު ކުރީގެ މިޑްފީލްޑަރާ ބެހޭގޮތުން އަންޗެލޮޓީ ބުންޏެވެ.

ރެއާލްއާ ނުސީދާގޮތުން ގުޅުން އޮންނަ ބައެއް ވެބްސައިޓްތަކުގައި ބުނެފައި ވަނީ ކޯޗަކަށް އަލޮންސޯ ގެނައުމާ މެދު މޮރީނިއޯގެ ހިޔާލު ވެސް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ހޯދި ކަމަށެވެ.

މޮރީނިއޯ ރެއާލް އަށް ކޯޗުކޮށް ދިން އިރު ޒަބީ ވަނީ އޭނާގެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ބާސެލޯނާގެ އެންމެ ރަން ދުވަސްވަރު 2012 ގައި ރެއާލުން 100 ޕޮއިންޓް ހަމަކޮށް ލީގު ޗެމްޕިއަންކަން މޮރީނިއޯގެ އެ ޓީމަށް ހޯދައި ދިނުމުގައި ޒަބީ މޮޅު ކުޅުމެއް ދެއްކި އެވެ.

ކޯޗެއްގެ ގޮތުގައި ޒަބީ ކުރަމުންދާ މަސައްކަތާ މެދު މީގެ ކުރިން ވެސް ޕަބްލިކް މީޑިއާގައި ވެސް މޮރީނިއޯ ވަނީ ތައުރީފު ކޮށްފަ އެވެ.