10 މެއި 2025 - 09:59

ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކޮށް، އެކަކު އަނެކަކަށް އިހްތިރާމް ކުރާ، އަދަބު އަހުލާގުން ޒީނަތްތެރިވެފައިވާ، ރީތި މާހައުލެއް ދެއްކުމަށް އަޒުމު ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަކީ ކުޑަކުދިންނަށްވާއިރު، އެ ކުދިން ތައްޔާރުވަމުން އެދަނީ، މުސްތަގުބަލުގައި މި ގައުމުގެ ކަންކަމާ ހަވާލުވުމަށް ކަމަށެވެ.

"ހަރުދަނާ ޖީލެއްގެ ގޮތުގައި އެ ކުދިން ބޮޑެތިކޮށް، ދިވެހީންގެ ސިޔާދަތާއި، ކަރާމާތާއި، ތަމައްދުން ނަގަހައްޓަން އަރަފޯދޭ ބަޔެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ގައުމީ ވާޖިބެވެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކުޑަކުދިންގެ މައުސޫމުކަން އަބަދުވެސް ޖާގަދޭނީ، ދޮށީ މީހުންގެ ބަސް އެހުމާ އެކު، އުޅޭ އުޅުމާއި ދައްކާ ނަމޫނާ ނަކަލު ކުރުމަށެވެ.
"އަޅުގަނޑުމެން މިއަދު ޢަޒުމު ކަނޑައަޅަންވީ، ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށެވެ. ގޭތެރެއާއި، މަގުމައްޗާއި، މިނޫން ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިހްތިރާމް ކުރާ، އަދަބު އަހުލާގުން ޒީނަތްތެރިވެފައިވާ، ރީތި މާހައުލެއް ދެއްކުމަށެވެ،" އެ މަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
ބެލެނިވެރިންގެ އިތުރުން، އެ ހިތާބުގައި ރައީސް ވަނީ ކުޑަކުދިންނަށް ވެސް ނަސޭހަތެއް ދެއްވައިފަ އެވެ.
މިގޮތުން، ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމާއި، ފަރުޟު ފަސްނަމާދު ކުރުމާއި، ދީނަށް ހުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.
"ތިޔަ ކުދިންގެ މަންމަ ދެކެ ވާ ލޯބި، ތިޔަ ކުދިންގެ މި ގައުމު ދެކެވެސް ވުމެވެ. ވަގުތު ބޭކާރު ނުކުރުމެވެ. ސިއްހީ އާދަތަކުގައި ހިފުމެވެ. ބަސްއަހާ ކިޔަމަންތެރި ކުދިބަޔެއްގެ ގޮތުގައި ދެމިތިބުމެވެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަމެވެ.