09 މެއި 2025 - 11:54

ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދައްކައި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މާފުކޮށްދިނުމުގެ އިތުރު ޕްރޮގްރާމެއް އެމްޑަބްލިއުއެސްސީ އިން ފަށައިފި އެވެ.
އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2024 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މި ޕްރޮގްރާމްގައި މާފުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޖޫރިމަނާ މާފުކޮށްދޭނީ ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ މި މަހުގެ 1 އިން ފެށިގެން ޑިސެމްބަރު 31، ގެ ކުރިން ބިލްތައް ދައްކާ ނިންމާ ނަމަ އެވެ.
އެއްބަސްވުމެއްގެ ދަށުން، ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ނިންމަން ކަސްޓަމަރުންނަށް އެދުމުގެ ފުރުސަތު އެމްޑަބްލިއުއެސްސީ އިން މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަދި މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މާފުކޮށްދޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާ ނަމަ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
މިކަމާބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ހޮޓްލައިން 105 އަށް ގުޅައިގެން ލިބޭނެ އެވެ. އަދި 1050 އަށް އެސްއެމްއެސް ފޮނުވައިގެން ނުވަތަ[email protected]އަށް އީމެއިލްކޮށްގެން ވެސް މައުލޫމާތު އޮޅުންފިލުވޭނެ އެވެ.