09 މެއި 2025 - 11:32

ބޯފެން ހުސްކުރި 40 ފުޅިއަށް ބަނގުރާ އަޅައިގެން ދަނިކޮށް ހުޅުމާލެއިން ރޭ ދެ ބިދޭސީއަކު އަތުލައިގެންފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ 1 ގެ މިދިލި މަގުން ދުއްވާފައި ދިޔަ ވޭނެއް ހުއްޓުވައި ބަލައި ފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެެއް ހުރި 500 އެމްއެލްގެ 40 ފުޅި ފެނުނު ކަމަށެވެ.

ފުލުހުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބަނގުރާ އަޅާފައި ހުރީ ބޮނަކުއާ ފެން ހުސްކުރި ފުޅިތަކަކަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާ ދެ މީހުންނެވެ. އެއީ ތަލަޕަތީ ޕުގަޒެންދީ، 27، އަދި، ރާޖަގޯޕާލް ސެލްވަގަނަޕަތީ، 47، އެވެ.
މި މީހުން ބަނގުރާ އުފުލި ވޭނުގެ ފޮޓޯ ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ފުލުހުން ބުނީ އެ ވެހިކަލް ޓޯކޮށް، މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެއްތަނުން އަނެއްތަނަށް ބަނގުރާ އުފުލުމުގައި އުޅެނިކޮށް ހައްޔަރުކުރާ ބިދޭސީންގެ އަދަދު ވަރަށް ގިނަ އެވެ.