08 މެއި 2025 - 20:26

ބައެއް ބޭސްތައް ހޯދަން ރާއްޖެ އަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި، އިންޑިއާގެ ސަރުކާރުގެ ދަށުން ހިންގާ ކުންފުންޏަކާ އެކު އެސްޓީއޯ އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެސްޓީއޯ އިން ސޮއިކުރީ އިންޑިއާގެ ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑާ އެކު އެވެ.
އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމުގެ ދަށުން ރާއްޖެ އަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް އެ އެއްބަސްވުމުގެ ދަށުން ފަހިވާނެ ކަމަށް އެސްޓީއޯ އިން މިރޭ ބުންޏެވެ.
އެޗްއެލްއެލް ލައިފްކެއާ އަކީ މި ސަރަހައްދުގައި އެންމެ ފުޅާދާއިރާގައި ޑޮކްޓަރީ ބޭސް ސަޕްލައިކުރާ އެއް ކުންފުންޏެވެ.
އެސްޓީއޯއިން ބުނީ އެ ފަދަ އެއްބަސްވުމެއް ހެދީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލަ އަށް ސީދާ އަދި ދާއިމީ ހައްލެއް ހޯދުމަށް ކަމަށެވެ. މިދިޔަ ދެ ތިން މަހުގައި ރާއްޖޭގައި މުހިންމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވެ އެވެ.
އިންޑިއާ ސަރުކާރުގެ ދަށުން ހިންގާ ކުންފުންޏާ އެކު ހެދި އެ އެއްބަސްވުމުގެ ނަތީޖާއަކީ ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ފަސޭހައިން ލިބޭނޭ އިންތިޒާމުތައް ހަމަޖެހުން އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައި ދީފައިވާއިރު، އެޗްއެލްއެލްއާ އެކު ހެދި އާ ޕާޓްނާޝިޕްގެ ދަށުން އަސާސީ ބޭސްތައް ދަތިކަމެއް ނެތި ދެން ލިބޭނެ ކަމަށެވެ.
އެސްޓީއޯއިން ބުނިގޮތުގައި، ހުރިހާ ބޭހެއް ވެސް ހުންނާނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި ރާއްޖެ އަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވައިދުތަކާ ވެސް އެއްގޮތަށެވެ.
އެޗްއެލްއެލްއާ އެކު މީގެ ކުރިން ވެސް އެސްޓީއޯ އިން މަސައްކަތްކޮށްފައި ވެ އެވެ. އެއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު އެވެ. އޭރު ވަނީ އެ ކުންފުނި މެދުވެރިކޮށް މުހިންމު ބޭސްތަކެއް ރާއްޖެ އަށް ގެނެސްފަ އެވެ.