08 މެއި 2025 - 19:03

ރާއްޖެއަށް ވައިގެ މަގުން އަންނަ ބޭރުގެ ގައުމުތަކުގެ މީހުން، ފުރަންޖެހޭ "ޓްރެވެލާ ޑެކްލެރޭޝަން" ފޯމު ނުވަތަ އިމުގާ ފޯމު ދޫކުރަން އިމިގްރޭޝަންގެ ނަމުގައި ފޭކް ޕޯޓަލްތަކެއް ހިންގާތީ ސަމާލުވާން އަންގައިފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، އިމުގާ ފޯމު ދޫކުރުމުގެ ނަމުގައި އިމުގާ އެޕްލިކޭޝަން ނަމަކަށް ކިޔާ ވެބްސައިޓަކާއި އިމުގާ އޮންލައިން އަދި އިމުގާ މޯލްޑިވްސް ޑޮޓް ނެޓް ކިޔާ ވެބްސައިޓަކުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެކަމަށް ސަމާލުވުމަށާއި އަދި އިމިގްރޭޝަންގެ ރަސްމީ ވެބްސައިޓް، އިމުގާ ޑޮޓް އިމިގްރޭޝަން އިން މެނުވީ ފޯމު ޑައުންލޯޑު ނުކުރުމަށް ވަނީ އެދިފަ އެވެ.
މީގެކުރިން ރާއްޖެއިން ފުރާ ދިވެހިންނާއި ބޭރު މީހުން ރާއްޖެ އައުމުގެ ކުރިންނާއި ފުރުމުގެ ކުރިން ޑިކްލަރޭޝަން ފޯމް ފުރިހަމަ ކުރަން ޖެހެ އެވެ. ނަމަވެސް އިމިގްރޭޝަނުން ވަނީ ހަމައެކަނި ރާއްޖެ އަންނަ ފަތުރުވެރިންނާއި ބިދޭސީން އެ ފޯމު ފުރަންޖެހޭ ގޮތަށް ހަދައިފަ އެވެ.
އެގޮތުން ރާއްޖެ އަށް އައުމުގެ 96 ގަޑިއިރު ކުރިން ޕޯޓަލް އިމުގާ މެދުވެރިކޮށް ފޯމް ހުށަހަޅަން ޖެހޭނެ އެވެ.
އިމުގާ ފޯމު ތައާރަފުކުރީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުގެ ހިދުމަތް ހަރުދަނާކޮށް، ރައްކާތެރިކުރުމުގެ ގޮތުން ޖުލައި 15، 2020 ގަ އެވެ. މާޗު 14، 2021 އިން ފެށިގެން އެ ފޯމު އޮންލައިންކޮށް ފުރޭނެ އިންތިޒާމު ހަމަޖެއްސި އެވެ.