08 މެއި 2025 - 15:29

ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން، ޕޮލްކޯގެ ތެރޭގައި ހިންގި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ޕޮލްކޯގެ ކުރީގެ އިސްވެރިން ހާޒިރުކުރި ބައްދަލުވުން ވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ސިއްރުކޮށްފި އެވެ.
މިއަދުގެ މެންދުރު 2:00 ގައި ބޭއްވި އެ ބައްދަލުވުން ވެސް ސިއްރު ކުރީ އިއްޔެ ބޭއްވި ޕޮލްކޯގެ މިހާރުގެ އިސްވެރިންގެ ބޭއްވި ބައްދަލުވުމެކޭ އެއް އުސޫލުން ކަމަށް ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި، އިއްޔެ ބޭއްވި ބައްދަލުވުމެކޭ ވެސް އެއްގޮތަށް އޭސީސީގެ މުވައްޒަފުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވި ކަމަށެވެ.
ޕޮލްކޯގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ހަދާފައިވާ ސަބް ކޮމިޓީން އަންނަނީ އެ މައްސަލަތައް ދިރާސާކޮށް، އެޅޭނެ ފިޔަވަޅުތައް ބަލަމުންނެވެ. މިދިޔަ ހަފުތާގައި ބޭއްވި އެ ކޮމިޓީގައި ވަނީ ޕޮލްކޯ މެދުވެރިކޮށް ފުހުންނަށް ފްލެޓު އިމާރާތް ކުރުމުގެ މަޝްރޫއުގެ ތެރެއިން ނުހައްގުން ހޯދި ފައިސާ އިން ގަނެފައިވާ ބިންތަކާއި މުދާތައް ދައުލަތަށް ނަގަން ހުށަހަޅަން ނިންމައިފަ އެވެ.
ހުޅުމާލެ 1 ގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ވަކި ބަޔަކަށް ފައިދާވާ ގޮތަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށާއި އެއީ 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ.
ޖޫން، 23، 2013 ގައި ފެށި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިންއާ ގުޅިގެން ހަދާފައިވާ އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ މަޝްރޫއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. އެގޮތުން އަކަފޫޓަކަށް 1،851 ރުފިޔާގެ ރޭޓުން ހަރަދު ކޮށްފައިވާއިރު، މިހާތަނަށް ކުރި ހަރަދަކީ މަޝްރޫއުގެ އަގުގެ ދެގުނަ ކަމަށް އޮޑިޓުގައިވެ އެވެ.