17 މާޗް 2017 - 09:57

އޭޝިއަން ކަޕް ކޮލިފައިންގައި މި މަހުގެ 28 ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗަށް، މުޅިން އާ ހަ ކުޅުންތެރިޔަކާ އެކު ޕްރިލިމިނަރީ ސްކޮޑް އިއުލާންކޮށްފި އެވެ.
ގައުމީ ކޯޗު ޑަރެން ސްޓެވާޓް އެކުލަވާލި ސްކޮޑުން ފުރުސަތު ލިބުނު އާ ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކްލަބާ އެކު ޝެއިޚް ކަމާލް ގޯލްޑް ކަޕް ކާމިޔާބުކުރި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި މުހައްމަދު އައްޒާމާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި އީގަލްސްގެ ރިހާމް އަބްދުލްގަނީ (ބޮޮބީ) އާއި ގްރީން ސްޓްރީޓްސްގެ އަހުމަދު ނިޒާމް އަދި މުހައްމަދު ސާއިފެވެ.
މީގެ ތެރެއިން އިއްބެ އަކީ މިނިވަން ޗެމްޕިއަންޝިޕުން 2015 ވަނަ އަހަރު ސ. ފޭދޫ ޓީމުން ވިދާލި ކުޅުންތެރިޔެކެވެ. މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ވެސް ފޭދޫ ޓީމަށް ކުޅުނު އިއްބެ ޓީސީއާ ގުޅުނީ މި އަހަރެވެ. އެ ޓީމުން ދެން ހިމެނޭ އިއްބެ ވަނީ މިދިޔަގެ ސައުތު އޭޝިއަން ގޭމްސްގައި އަދި ބަންގްލަދޭޝްގެ ބަންގުބަންދު ގޯލްޑް ކަޕުގައި ވާދަކުރި ޒުވާން ގައުމީ ޓީމަށް ކުޅެފަ އެވެ.
އީގަލްސް އިން ސްކޮޑަށް ނެގި ބޮބީ އަކީ މީގެ ކުރިން 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. އޭނާ ފުރަތަމަ ޑިވިޝަނުގައި ފުރަތަމަ ފަހަރަށް ކުޅުނީ މި އަހަރުގެ އެސްޓީއޯ މާލޭ ލީގުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އީގަލްސް އިން މި ސީޒަނުގައި ކުޅުނު ތިން މެޗުގައި ވެސް ބޮބީ ވަނީ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ވަނީ އެ ކުޅުންތެރިޔާއާ މެދު ބޮޑު އުއްމީދެއް ކުރެވޭ ކަމަށް ބުނެފަ އެވެ.
ގްރީން ސްޓްރީޓްސް އިން ނެގި ކުޅުންތެރިންގެ ތެރެއިން ނިޒާމަކީ މީގެ ކުރިން ވީބީ ސްޕޯޓްސް އާއި ޓީސީން ފާހަގަކުރެވުނު ކުޅުންތެރިޔެކެވެ. އަދި މާޒިޔާ އާއި ނިއު ރޭޑިއަންޓަށް ކުޅުނު ޒުވާން ޑިފެންޑަރު ސާއިފް ވަނީ މީގެ ކުރިން ޒުވާން ގައުމީ ޓީމަށް ކުޅެފަ އެވެ.
މި ފަހަރުގެ ސްކޮޑުގައި އެންމެ ގިނައީ މާޒިޔާގެ ކުޅުންތެރިންނެވެ. އެ ޓީމުގެ ނުވަ ކުޅުންތެރިން ހިމެނޭއިރު ނިއު ރޭޑިއަންޓާއި ޓީސީން ހަތަރު ކުޅުންތެރިން، ވެލެންސިއާ އަދި އީގަލްސް އިން ތިން ކުޅުންތެރިން ހިމެނެ އެވެ. ވިކްޓަރީ އާއި ގްރީން ސްޓްރީޓްސް އިން ހިމެނެނީ ދެ ކުޅުންތެރިންނެވެ.
މިިދިޔަ 17 ވަރަކަށް އަހަރު ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި އިމްރާން މުހައްމަދު ރިޓަޔާކޮށްފައިވާއިރު ކީޕަރުންގެ ގޮތުގައި ލިސްޓުގައި ހިމަނާފައިވަނީ ވެލެންސިއާގެ މުހައްމަދު ފައިސަލާއި ވިކްޓަރީގެ މުހައްމަދު އިމްރާނެވެ.
އަނިޔާގެ ސަބަބުން ސްކޮޑުން ފުރުސަތު ނުލިބުނު ކުޅުންތެރިންގެ ތެރޭފައި ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި އީގަލްސްގެ ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު ނަޝީދު (ނައްޓޭ) އާއި އަހުމަދު ރިޒްވާން (ރިޒޭ) ހިމެނެ އެވެ.
ގޯލްކީޕަރުން: މުހައްމަދު އިމްރާން (ވިކްޓަރީ)، މުހައްމަދު ފައިސަލް (ވެލެންސިއާ)
ޑިފެންޑަރުން: އަމްދާން އަލީ (މާޒިޔާ)، ގާސިމް ސައްމާމް (މާޒިޔާ)، ސަމޫހު އަލީ (މާޒިޔާ)، މުހައްމަދު ރަޝީދު - ހޮކޭ (ނިއު)، އަހުމަދު އަބްދުﷲ - ލިލީ (ނިއު)، މުހައްމަދު ސާއިފް (ގްރީން ސްޓްރީޓްސް)، ހިސާމް ސަލީމް (ވެލެންސިއާ)، މުހައްމަދު އައްޒާމް (ޓީސީ)، ޝާފިއު އަހުމަދު (ވެލެންސިއާ).
މިޑްފީލްޑަރުން: އަސްހަދު އަލީ - އަޑުބަރޭ (މާޒިޔާ)، މުހައްމަދު އުމެއިރު (މާޒިޔާ)، ޔަސްފާދު ހަބީބް - މުލަކޭ (މާޒިޔާ)، އިމްރާން ނަޝީދު (އީގަލްސް)، ރިހާމް އަބްދުލް ގަނީ (އީގަލްސް)، އަހުމަދު ޒާދު (އީގަލްސް)، އަހުމަދު ނިޒާމް (ގްރީން ސްޓްރީޓްސް)، އިބްރާހިމް ވަހީދު ހަސަން (ޓީސީ)، އިސްމާއިލް އީސާ - ވިކްޓަރީ.
ފޯވާޑުން: އަސަދުﷲ އަބްދުﷲ (މާޒިޔާ)، އަހުމަދު އިމާޒް - އާއްކޮ (މާޒިޔާ)، ނާއިޒް ހަސަން - ދާދު (ޓީސީ)، ހުސެއިން ނިޔާޒް މުހައްމަދު - ބޮކުރީ (މާޒިޔާ)، އިބްރާހިމް މަހުދީ - ޓީސީ، އަލީ ފާސިރު - ސެންޓޭ (ނިއު)، ހަމްޒާ މުހައްމަދު - ހަމްޕު (ނިއު).