08 މެއި 2025 - 09:20

އޭޝިއާ ސެންޓްރަލް ޒޯން ވޮލީ އެސޯސިއޭޝަން (ކާވާ) ގެބީޗް ވޮލީބޯޅަ މުބާރާތް އޯގަސްޓް މަހު އައްޑޫގައި ބާއްވަން ނިންމައިފި އެވެ.
ކާވާގެ ރައީސްގެ މަގާމު ވެސް އަދާކުރައްވާ ވީއޭއެމް ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ރާއްޖެ އަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ދޭން ނިންމުމުން، އެ މުބާރާތް އައްޑޫގައި ހޯސްޓް ކުރުމަށް ސްޕޯޓްސް މިނިސްޓަރީން ލަފާ ދެއްވި ކަމަށެވެ.
"މިނިސްޓަރުގެ ލަފާފުޅު ވެސް އެގޮތަށް އައީމަ އަޅުގަނޑުމެން ވާނީ ކާވާގެ އެގެޒެކެޓިވް ބޯޑުގައި ވެސް މަޝްވަރާކޮށް މުބާރާތް އައްޑޫގައި ބާއްވަން ނިންމާފަ،" ލަތީފް ވިދާޅުވި އެވެ.
އޭވީސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ލަތީފް ވިދާޅުވީ ކާވާގެ 14 ގައުމަކަށް މުބާރާތުގެ އިންވިޓޭޝަން ފޮނުވާފައި ވާނެ ކަމަށެވެ.
ކާވާގެ އެހެން ގައުމުތަކުގައި ބޭއްވި މުބާރާތްތަކުގައި ބައިވެރި ގައުމުތަކުގެ އަދަދަށް ރިއާޔަތް ކުރުމަށް ފަހު ލަތީފް ވިދާޅުވީ ގާތްގަނޑަކަށް ނުވަ ގައުމުން ރާއްޖެ އަށް ޓީމުތައް ފޮނުވާނެ ކަމަށެވެ.
"ސާދަ ގައުމުގެ ތެރެއިން ނުވައެއް ކަމަށް ވެދާނެ. ނުވަތަ އެއަށް ވުރެ ގިނަ ވުން އެކަށީގެންވޭ،" ލަތީފް ވިދާޅުވި އެވެ.
ވީއޭއެމުން ކުރިން ވަނީ ރަށްރަށާއި ސިޓީތަކަށް ހާއްސަކޮށް ރާއްޖެ ބީޗް ވޮލީ ލީގުގެ ނަމުގައި މާލޭގައި ބޭއްވުމަށް މުބާރާތެއް އިއުލާން ކޮށްފަ އެވެ.
އެކަމަކު މިދިޔަ މަހު ބާއްވަން މަސައްކަތް ކުރި މުބާރާތް ފަސް ކުރީ ލަތީފު ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް ބީޗް ވޮލީ މުބާރާތް ބޭއްވުމުގެ ތައްޔާރީތައް ހަމަޖެއްސުމަށެވެ.
ކާވާގެ ބީޗް ވލީ މުބާރާތް އެންމެ ފަހުން ބޭއްވީ ސްރީ ލަންކާގަ އެވެ. ޖެނުއަރީ މަހު ބޭއްވި އެ މުބާރާތުގައި ރާއްޖެ އަށް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށެވެ.