07 މެއި 2025 - 22:42

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބެލި ސުލޫކީ މައްސަލައިގައި ބަޔާން ދެއްވި ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފަށް ފެނަކަ ކޯޕަރޭޝަންގެ އިސް މަގާމެއް ދީފި އެވެ.
"މިހާރު" އަށް ޔަގީންވެފައިވާ ގޮތުގައި ހަނީފަށް ދީފައިވަނީ ފެނަކައިގެ ލީގަލް ޑިޕާޓްމެންޓްގެ އިސް މަގާމެކެވެ. އެ މަގާމަށް ވަޑައިގެންނެވުމަށް ހައި ކޯޓުގެ ވަޒީފާ ދޫކޮށްލެއްވުމަށް ހަނީފް ނޯޓިސް ދެއްވާފައިވާ ކަން އެ ކޯޓުގެ އޮފިޝަލަކު ޔަގީންކޮށް ދެއްވި އެވެ.
ހަނީފަކީ ހައި ކޯޓުގައި ގިނަ ދުވަސްވީ މުވައްޒަފެކެވެ.
ސަރުކާރު ކުންފުންޏެއް ކަމަށްވާ ފެނަކައިގެ އިސް މަގާމެއް ހަނީފަށް ދީފައި ވާއިރު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރާ ދެކޮޅަށް ޖޭއެސްސީއަށް ބަޔާން ދެއްވާފައިވަނިކޮށެވެ.
މިހާރު ޖޭއެސްސީން ބަލަމުން ދަނީ ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" އޭނާއާ ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވި މައްސަލަ އެވެ.
ހަނީފުއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާތީ ސުއޫދުގެ މައްސަލަ ވެސް ބަލަން ޖޭއެސްސީން ކުރިން ނިންމި އެވެ. އެކަމަކު އޭނާ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައިވާތީ އެ މައްސަލަ އެ ކޮމިޝަންގައި ކުރިއަކަށް ނުގެންދާނެ އެވެ.
އޮކްޓޫބަރު، 2022 ގައި ހަނީފު ހާޒިރުކޮށް ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާއިރު، ސުއޫދާ އެއްގޮތަށް ފަނޑިޔާރު އަޒްމިރާލްދާ އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް ޒިންމާ ނަންގަވަން ވާނެ ކަމަށް ޖޭއެސްސީ އަށް ފެންނާތީ އެ ދެ ފަނޑިޔާރުންގެ މައްސަލަ ބަލަން ޖޭއެސްސީން އޮތީ ނިންމައިފަ އެވެ.
އެސިސްޓެންޓް ރަޖިސްޓްރާ ހަނީފްއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މައްސަލަ ޖޭއެސްސީން ބަލަން ފެށީ 2022 ގަ އެވެ. އެކަމަކު، އެ މައްސަލާގައި ކޮމިޝަނުން 2022 އިން ފެށިގެން މިހާތަނަށް ވެސް ވަކި ގޮތެއް ނުނިންމަ އެވެ.
ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކުރީ ގާނޫނުގައި ބުނާ ހަތް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ އިސްތިއުނާފްގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، އެ މައްސަލަ އިސްތިއުނާފްކުރި ފަރާތުގެ އާއިލާގެ މީހަކަށް ހައި ކޯޓުން ފޮނުވި އީމެއިލްއަކާއި އަމުރެއް ނެރުނު ނަމަ އެކަން ސާފުކޮށް ދިނުމަށާއި އިމިގްރޭޝަނަށް ފޮނުވި ސިޓީ ހިއްސާ ކުރުމަށް އެދުމުން އެކަން ނުކޮށް ލަސްވެ އަދި ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އިސްތިއުނާފް މައްސަލަ ނިންމަން ދަތިވި މައްސަލައެއްގައި ކަމަށް އެނގިފައިވެ އެވެ.