07 މެއި 2025 - 21:30

ކުނިވަސް ދުވާތީ ބެލި އިރު މަރުވެ ކުނިވެފައި އޮތް މީހަކު ހެންވޭރުގެ ގެއަކުން މިރޭ ފެނިއްޖެ އެވެ.
ފުލުހުން ދެންމެ ބުނީ ހެންވޭރުގައި ހުންނަ ގެއެއްގެ ހަތަރުވަނަ ފުލޯގެ ފާހާނާއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ ގ. ލަންކާ، އަބްދުﷲ މުފީދު، 46 ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ފުލުހުން އަދި އިތުރު ތަފުސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި، އޭނާ މަރުވެފައި އޮއްވައި ފެނުނީ އެ ގެ ހުންނަ ސަރަހައްދުން ކުނިވަސް ދުވާތާ ހަތަރު ވަރަކަށް ދުވަސްވުމުން ބަޔަކު އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން، ފުލުހުން އެތަނަށް ވަދެ ބެލުމުންނެވެ.
ގޮތް ނޭނގޭ މަރުތަކާއި މަރުވެފައި އޮއްވައި މީހުން ފެނުމުގެ މައްސަލަތައް މިފަހުން އިތުރުވެފައިވާއިރު، މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު މިދިޔަ ހަފުތާގައި ވެސް ފެނިފައިވެ އެވެ.
މި ކަހަލަ ބައެއް މަރުތަކުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ފުލުހުން ހަދާފައި ވިޔަސް މި ކަހަލަ މަރުތައް ގިނަވި ސަބަބެއް ނުވަތަ އެ މީހުން މަރުވި ސަބަބެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.