07 މެއި 2025 - 14:54

ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައިވާ ވެރިރަށް ސަންއާގެ އެއާޕޯޓަށް އިޒްރޭލުން ދިން ހަމަލާގައި ޓާމިނަލް އިމާރާތްތައް ހަލާކުވެ 500 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް އެއާޕޯޓުގެ ޑިރެކްޓަރު ޚާލިދު އަލްޝައިފް މިއަދު ވިދާޅުވެއްޖެ އެވެ.

ހޫތީ މީޑިއާއަށް އޭނާ މިހެން ވިދާޅުވުމުގެ ކުރިން އެކްސްގައި ނެރުއްވި ބަޔާނެއްގައި ޚާލިދު ވަނީ އިޒްރޭލުގެ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ވަކި ގޮތެއް އަންގަންދެން ހުރިހާ ފްލައިޓްތަކެއް މެދުކަނޑާލާފައިވާކަން ވެސް އިއުލާނުކޮށްފަ އެވެ.
މި ހަމަލާތައް ދިނީ މިދިޔަ އާދީއްތަ ދުވަހު ތެލްއަވީވްގެ ބެން ގުރިއަން އެއާޕޯޓު ކައިރިއަށް ހޫތީ މިސައިލަކުން ހަމަލާ ދިނުމާ ގުޅިގެން ބަދަލުހިފުމަށެވެ.
"ސަންއާ އެއާޕޯޓަށް އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެފައިވޭ،" ހޫތީންގެ އަލް މަސީރާ ޓީވީއަށް ޚާލިދު ވިދާޅުވި އެވެ.
"ދުޝްމަނުން ސަންއާ އެއާޕޯޓުގެ ޓާމިނަލްތައް، ހުރިހާ ސާމާނާއި ޑިވައިސްތަކާ އެކު އެއްކޮށް ވަނީ ހަލާކުކޮށްލާފައި،" އޭނާ ވިދާޅުވި އެވެ.
ހަމަލާތަކުގައި ޔަމަނިއާ އެއާވޭސްގެ ތިން މަތިންދާބޯޓެއް ހަލާކުވި އިރު އެހެން ތިން ބޯޓެއް ވެސް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަގުތީ ގޮތުން އެއާޕޯޓު ހުޅުވަން އެހެން ގޮތްތަކެއް އެބަހުރި. އެތަން މަރާމާތުކޮށް އޮޕަރޭޝަންތައް އަލުން ފަށަން ދިގު މުއްދަތެއް ބޭނުންވޭ،" ޚާލިދު ވިދާޅުވި އެވެ.
ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ސަންއާގެ އެއާޕޯޓު ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލީ 2022 ވަނަ އަހަރު އެވެ. އެ އެއާޕޯޓުން އާންމުކޮށް ދަތުރުކުރަމުން ދިޔައީ ގައުމީ އެއާލައިން ޔަމަނިއާއިން އުރުދުންގެ ވެރިރަށް އައްމާނަށެވެ. ގިނައިން މީހުން ދަތުރުކުރަނީ ގައުމުން ބޭރުން އިމަޖެންސީ ސިއްހީ ފަރުވާ ބޭނުންވާ މީހުންނެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދެމުން ދާއިރު އެކަމާ ދެކޮޅުހަދައި، ފަލަސްތީނާ އެކުގައި ތިބިކަން ހާމަކުރުމަށް ހޫތީން ގެންދަނީ މިސައިލާއި ޑްރޯނުން އިޒްރޭލަށް ހަމަލާތައް އަމާޒުކުރަމުންނެވެ. އަދި ރަތްކަނޑުގައި ވެސް ދަނީ އިޒްރޭލާ ގުޅުން އޮންނަ ކަމަށް ބެލެވޭ އުޅަނދުތަކަށް ހަމަލާ ދެމުންނެވެ. އެހެންވެ އިޒްރޭލުން ކުރިން ވެސް ވަނީ ޔަމަނަށް ހަމަލާ ދީފަ އެވެ.