07 މެއި 2025 - 13:38

އެމެރިކާގެ އެއާކްރާފްޓް ކެރިއާ، ހެރީ އެސް ޓްރޫމަންއަށް ޖައްސަން އުޅުނު މަލްޓި މިލިއަން ޑޮލަރުގެ ހަނގުރާމަމަތީ އިތުރު މަތިންދާބޯޓެއް ރަތް ކަނޑަށް އަނެއްކާވެސް ވެއްޓިއްޖެ އެވެ.
މިއީ ހަފްތާއެއްހާ ދުވަސް ތެރޭ ކަނޑަށް ވެއްޓުނު ދެ ވަނަ ޖެޓެވެ. ކުރިން ވެސް ޖެޓެއް ވެއްޓުނީ މި އެއާކްރާފްޓް ކެރިއަރުންނެވެ.
ގާތްގަނޑަކަށް 67 މިލިއަން ޑޮލަރުގެ އަގު ހުރި، ދެ ސީޓުގެ އެފް/އޭ-18އެފް ސުޕަ ހޯނެޓް ފައިޓާ ޖެޓް ކަނޑަށް ވެއްޓުނީ ކޮންޓްރޯލް ނުވެގެން ގޮސް ކަމަށް ސީއެންއެން އާއި ވޯލް ސްޓްރީޓް ޖާނަލް އާއި އހެން ބައެއް މީޑިއާތަކުން ވަނީ ބުނެފަ އެވެ.
ޑިފެންސް އޮފިޝަލަކު އެމެރިކާގެ ނޭވަލް އިންސްޓިޓިއުޓަށް ވިދާޅުވީ މަތިންދާބޯޓު އުފުލާ މަނަވަރުގައި ޖެޓު ޖައްސާއިރު އެ ކޮންޓްރޯލްކޮށް ހިފަހައްޓަން ބޭނުންކުރާ ވަޔަރުގެ ބުޅިގަނޑު ފެއިލްވުމުން ޖެޓް ނުހިފެހެއްޓި ކަނޑަށް ވެއްޓުނީ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ޖެޓްގައި ތިބި ދެ މީހުން ޖެޓުން އިޖެކްޓުކޮށް ސަލާމަތްވި ކަމަށާއި ހެލިކޮޕްޓަރުގައި އެ ދެ މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި ޖެޓު ވެއްޓި ފަޅުވެރިއަކަށް އަނިޔާވީ ހަނގުރާމަމަތީ މަތިންދާބޯޓު ޓޯކުރަމުން ދިޔަ ޓްރެކްޓަރާ އެކު މޫދަށް ވެއްޓިގެންނެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ޓްރޫމަންގައި އޮޕަރޭޓްކުރާ އެފް/އޭ-18 މަރުކާގެ މަތިންދާބޯޓަކަށް ޔޫއެސްއެސް ގެޓީސްބާގް ގައިޑެޑް މިސައިލަކުން އޮޅިގެން ދެވުނު ހަމަލާއެއްގައި ވެސް ވެއްޓިފަ އެވެ. އެ ހާދިސާގައި ދެ ޕައިލެޓުން ވެސް ވަނީ ސަލާމަތްވެފަ އެވެ.
ޓްރޫމަން އަކީ މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެ އުޅަނދުގެ ތެރެއިން އެއް އުޅަނދެވެ. އެ ސަރަހައްދުގައި ޔަމަންގެ ހޫތީން އުޅަނދުތަކަށް ދޭ ހަމަލާތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި މި އުޅަނދުތައް ބައިވެރިވެ އެވެ. އަދި މިދިޔަ މާޗް މަހުގެ މެދުތެރެއިން ފެށިގެން ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަށް މި ޖެޓުތައް ބޭނުންކޮށްގެން ދަނީ ހަމަލާ ވެސް ދެމުންނެވެ.