17 މާޗް 2017 - 06:08

މޮގަދިޝޫ (މާޗް 17) - ސޮމާލިއާގެ ކަނޑުގެ ސަރަހައްދުން ފޭރިގަތް ސްރީ ލަންކާގެ ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރަށް އެރި މީހުން ފައިސާ އަށް ޑިމާންޑް ކުރި ނަމަވެސް އެންމެ ފަހުން އެ މީހުން އެ ބޯޓު ދޫކޮށްލާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ބޯޓު ހައިޖެކް ކުރި ކަނޑުފޭރޭ މީހުން އެ ބޯޓު ދޫކޮށްލީ ކަނޑުގެ ސިފައިން ބަޑީގެ ހަމަލާތަކެއް ދިންތާ މާގިނައިރެއް ނުވަނީހެވެ. ޖިބޫތީން ސޯމާލިއާގެ ވެރިރަށް މޮގަދިޝޫ އަށް ދަތުރު ކުރަމުން ދިޔަ ތެޔޮ ބޯޓު ހިފެހެއްޓީ ހޯމަ ދުވަހު އެވެ. އެ ބޯޓުގައި ތިބީ ލަންކާގެ ފަޅުވެރިންނެވެ.
ބޯޓު ހައިޖެކްކޮށްގެން ގެންދިޔަ ސޯމާލިއާގެ ސަރަހައްދުގެ މެރިޓައިމް ފުލުހުންގެ ޑިރެކްޓާ ޖެނެރަލް އަބްދުއްރަހުމާން މުހައްމަދު ހަސަން ވިދާޅުވީ ބަޑީގެ ހަމަލާތަކަށް ފަހު، ކަނޑުފޭރުނު މީހުންނާ އެކު މަޝްވަރާތަކެއް ކުރިއަށް ދިޔަ ކަމަށެވެ. އަދި އޭގެ ފަހުން ކަނޑުފޭރުނު މީހުން ބޯޓުން ފައިބައިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
ސޯމާލިއާ ސަރަހައްދުގައި ކަނޑު ފޭރުން ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގާ ޔޫރަޕިއަން ޔޫނިއަން ނޭވަލް ފޯސް ކުރިން ބުނެފައި ވަނީ ބޯޓު ކަނޑުފޭރުނު މީހުން ފައިސާ އަށް ޑިމާންޑްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން ޑިމާންޑްކުރާ ފައިސާގެ އަދަދު ބުނެފައެއް ނުވެ އެވެ.
މިއީ ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހުތެރޭ ހިންގި މި ބާވަތުގެ ފުރަތަމަ ހާދިސާ އެވެ. ބާރަހާސް ޓަނުގެ ބޯޓަށް ހަތިޔާރާ އެކު އަށް މީހަކު އަރާފައިވާ ކަމަށްވެ އެވެ. އެ ބޯޓުގައި ލަންކާގެ ދިދައެއް ހުރި ނަމަވެސް އެއީ ޔޫއޭއީގެ ބޯޓެކެވެ.
ސްރީ ލަންކާގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އެ ގައުމުގެ އަށް މީހުން އެ ބޯޓުގައި ތިބި ކަމަށެވެ.
މިއީ 2012 ވަނަ އަހަރުގެ ފަހުން ސޯމާލިއާ ސަރަހައްދުގައި ކަނޑުފޭރޭ މީހުން ވިޔަފާރި މުދާ އުފުލާ ބޯޓެއް ހައިޖެކްކުރި ފުރަތަމަ ފަހަރެވެ.