07 މެއި 2025 - 09:08

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމަށް އިންޓަ މިލާނުން ކުރި ދަތުރުގައި ޔޫރަޕްގެ އެންމެ ވަރުގަދަ ދެ ޓީމު ބަލި ކުރެވިއްޖެ ކަމުގެ ހިތްހަމަޖެހުން ކޯޗު ސިމޯން އިންޒާގީ ފާޅުކޮށްފި އެވެ.

ސެމީ ފައިނަލުގައި ރޭ 4-3 ބާސެލޯނާ ބަލިކޮށް އިންޒާގީގެ އިންޓައިން ވަނީ ހަތްވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދާފަ އެވެ. އޭނާގެ ޓީމު ސެމީ ފައިނަލަށް ދަތުރު ކުރީ ކުއާޓާ ފައިނަލުގައި ޖަރުމަނުގެ ޗެމްޕިއަން ބެޔާން މިޔުނިކް ބަލި ކުރުމަށް ފަހު އެވެ.
ރޭގެ މެޗަށް ފަހު އިންޒާގީ ބުނީ އެ ދެ ޓީމަކީ މި ސީޒަނުގައި ޔޫރަޕްގައި އެންމެ ވަރުގަދަ ދެ ޓީމު ކަމަށެވެ. އެކަން ހާސިލު ކުރުމަށް އިންޓަގެ ކުޅުންތެރިން ކުރި މަސައްކަތަށް އޭނާ ތައުރީފު ބަންޑުން ކޮށްލި އެވެ.
ފައިނަލުގައި އިންޓައާ ދެކޮޅަށް ނުކުންނާނެ ޓީމެއް ކަށަވަރު ވާނީ ސެމީ ފައިނަލުގެ ފަހު މެޗުގައި މިރޭ ޕިއެސްޖީ އާއި އާސެނަލް ކުޅޭ މެޗުންނެވެ. ލާޒިއޯގެ ކުރީގެ ކޯޗު ބުނީ އާސެނަލް އާއި ޕީއެސްޖީ އަކީ މޮޅު ދެ ކޯޗުން ތިބި ވަރުގަދަ ދެ ޓީމު ކަމަށެވެ.
"އެއީ ވަރަށް ވަރުގަދަ ދެ ޓީމު މޮޅު ކޯޗުން ހިމެނޭ. އާސެނަލް ނުވަތަ ޕީއެސްޖީއާ ކުޅެން ޖެހުނަސް ޗެމްޕިއަންސް ލީގު ފައިނަލު ވާނީ ވަރަށް ބޮޑު މެޗަކަށް،" އިންޒާގީ ބުންޏެވެ.
"އެކަމަކު ބެޔާން މިޔުނިކާއި ބާސެލޯނާ އަކީ (މި ސީޒަނުގައި) ޔޫރަޕްގެ އެންމެ ވަރުގަދަ ދެ ޓީމު ކަމަށް ވެދާނެ."
އޭނާ ބުނީ އެކަން އިންޓަގެ ޓީމަށް ހާސިލު ކުރެވުމުން އެކަމާ ފަހުރުވެރި ވާން ޖެހޭނެ ކަމަށެވެ.