06 މެއި 2025 - 20:14

އިޒްރޭލުން "ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމަ" ކާމިޔާބުވުމަކީ ޣައްޒާ އެއްކޮށް ސުންނާފަތިކޮށްލުން ކަމަށާއި އެކަން ކުރާނަން ކަމަށް އިޒްރޭލުގެ ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗް ބުނެފި އެވެ.
"ޣައްޒާ އެއްކޮށް ހަލާކުވާނެ، އާންމުން ބޭރުކުރާނެ... ޣައްޒާގެ ދެކުނު ވާނީ ހަމާސް އަދި ޓެރަރިޒަމް ނެތް ހިއުމެނިޓޭރިއަން ޒޯނަކަށް. އަދި އެހިސާބުން އެ މީހުން ތިން ވަނަ ގައުމުތަކަށް ދާން ފަށާނެ،" ހަރުކަށި ފިކުރުގެ ވަޒީރު، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އުފްރާގައި ބޭއްވި ކޮންފަރެންސެއްގައި ބުންޏެވެ.
ހުޅަނގު އައްސޭރީގައި ގާނޫނާ ހިލާފަށް ވަޒަންވެރިކޮށްފައިވާ ޔަހޫދީންގެ އަވަށެއްގައި އުޅޭ ސްމޮޓްރިޗް ބުނީ އަންނަ އަހަރުގެ ނިޔަލަށް މި ސަރުކާރުގެ ދައުރު ހަމަވުމުގެ ކުރިން ހުޅަނގު އައްސޭރި ވެސް ފަލަސްތީނުން ވަނިކޮށް އިޒްރޭލުގެ ބައެއްގެ ގޮތުގައި ކަނޑައަޅައި ވަކިކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އޭނާ ބުނީ 1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރި ވަކިކޮށްލުމަކީ އިޒްރޭލަށް ކުރިމަތިވެފައިވާ އެންމެ މުހިންމު އެއް ގޮންޖެހުން ކަމަށެވެ.
މިދިޔަ މަސްތަކުގައި އިޒްރޭލުގެ ނުފޫޒު ގަދަ އެތައް ބަޔަކު ވަނީ ހުޅަނގު އައްސޭރި އަކީ އިޒްރޭލު ކަމަށް ރަސްމީކޮށް ކަނޑައެޅުމަށް ވަރަށް ފާޅުގައި ގޮވާލައިފަ އެވެ.
އިޒްރޭލުން ހިފާފައިވާ އިރުމަތީ ގުދުސް ފިޔަވައި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ތިން މިލިއަން މީހުން ދިރިއުޅޭއިރު، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ޔަހޫދީ އާބާދީތަކުގައި އިޒްރޭލުގެ 490،000 މީހުން ދިރިއުޅެ އެވެ. -- އޭއެފްޕީ